ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އުފެދިގެންދާ ޕީޕީއެމް/ޕީއެންސީގެ ޑރ. މުއިއްޒުގެ ވެރިކަމަކީ ތާރީހުގައި ދެކޭނެ އެންމެ އަދުލުވެރި، އިންސާވެރި ވެރިކަމަށް ވެގެންދާނެ ކަމުގެ ޔަގީންކަން އޮތް އޮތްކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރޭ ހައްދުން މަތީ ގައުމުގައި އެތައް ސަތޭކަ ބަޔަކާއިއެކު ބޭއްވި ބޮޑު ޖަލްސާގައިި ވާހަކަ ދައްކަވަމުންނެވެ.
ޝަހީމް ވިދާޅުވީ ލ. އަތޮޅަކީ މިގައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓާނެ އަތޮޅެއް ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށެވެ. ފުރަތަމަ ބުރުގައިވެސް ވަނީ އެނަތީޖާ ދައްކާފައި ކަމަށާއި، ދެވަނަ ބުރުގައިވެސް އެނަތީޖާ މާބޮޑުކޮށް ލ. އަތޮޅުން ނެރޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މި ގައުމު ސަލާމާތް ކުރުމަށްޓަކައި ލ. އަތޮޅުން ދޭ ހިއްސާއަކީ އަންނަ އިދިކޮޅުގެ ސަރުކާރަކުން ހަނދާން ނައްތާލާނެ ހިއްސާއެއް ނޫން ކަމަށާއި ލ. އަތޮޅު ބާކީވެގެންދާނެ ގޮތެއް ނޯންނާނެކަމަށެވެ، އަދި މި ހަރަކާތުގެ ޒައާންމަތު އޮތީ ލާމުއަތޮޅުގެ ރައްޔިތުންގެ އަތްމަތީގައިކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ބޭނުންވަނީ މި ގައުމުގެ ދައުލަތުގެ ޒައާމަތުގައި ޒަމާނީ ތައުލީމް ލިބިވަޑައިގެންފައިވާ ބޭފުޅަކު ހުންނެވުމަށް ކަމަށާއި އެ ބޭފުޅަކީ މުއިއްޒު ކަމަށެވެ.
މިހާރު މުއިއްޒާއި ދެކޮޅަށް ކުރިއަށް ގެންދާ އެންޓި ކެމްޕެއިންގައި ދައްކަނީ އަނިޔާގެ ވާހަކަކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ މުއިއްޒަކީ އެއްވެސް ބޭފުޅަކަށް އަނިޔާއެއް ދެއްވާނެ ބޭފުޅެއް ނޫން ކަމަށެވެ. މުއިއްޒަކީ އިސްލާމީ ތަރުބިއްޔަތު ލިބިވަޑައިގެން ތައުލީމީ އާއިލާއެއްގެ ތެރެއިން ނިކުމެ ވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ފާހަގަ ކުރައްވައި އެހެންކަމުން އެއްވެސް ބޭފުޅަކަށް އަނިޔާވެރިވާތީ ކިހިނެއްތޯވެސް ޝަހީމް ސުވާލު ކުރެއްވިއެވެ.
މުއިއްޒުގެ ވެރިކަން ވެގެންދާނީ ރާއްޖޭގެ ތާރީހު ދެކޭނެ އެންމެ އަދުލުވެރި އެންމެ އިންސާފުވެރި ވެރިކަން ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.