ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ސޮއިކޮށްފިއެވެ.

އޭނާ ޕީޕީއެމްއަށް ސޮއިކޮށްފައިވަނީ ރޭގައި ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ހޯދުމަށް ލ.ގަމުގައި ބޭއްވި ޖަލްސާގައެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުގައި ސިރާޖު ވަނީ އެމްޑީޕީއިން ވަކިވެފައެވެ. އޭގެ އަނެއްދުވަހުގައި އޭނާ ވަނީ ޑރ.މުއިޒަށް ތާއީދުކުރާކަމަށްބުނެ ޓުވީޓެއް ކޮށްފައެވެ.

މީގެއިތުރުން ރޭގެ ޖަލްސާގައި އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ގިނަ ބަޔަކުވެސް ޕީޕީއެމްއަށް ސޮއިކޮށްފައިވާއިރު، ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވެސް ވަނީ އެ ޕާޓީއަށް ސޮއިކޮށްފައެވެ.

އޭނާވެސް ދަ ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގައި އިއްޔެއާއި ހަމައަށް ހުންނެވި މީހެކެވެ.ނަމަވެސް މި މަހުގެ 16 ވަނަ ދުވަހުގެރޭ އިސްމާއިލް އަލީވެސް ވަނީ ޑރ.މުއިޒުއަށް ތާއިދުކުރާކަމަށް ހާމަކޮށްފައެވެ.