ކެމްޕެއިންތެރޭގައި ކުރައްވާފައިވާ ކޮންމެ ވައުދަކީ ފުއްދުމަށްޓަކައި ވެފައިވާ ވައުދެއްކަމަށާއި އެއިން ކޮންމެ ވައުދެއްވެސް ފުރިހަމަކޮށްދެއްވާނެކަމަށް ޕީޕިއެމް/ޕިއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.
މުއިއްޒު މިހެން ވިދާޅުވީ މިއަދު ގއ ވިލިނގިއްޔަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.
ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން މިއަދު ހެނދުނު ގއ ވިލިނގިއްޔަށް، ޕީޕިއެމް/ޕިއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި މުއިއްޒުގެ ޓީމް ވަޑަައިގަތުމުން ރަށުން ވަނީ ތަފާތު މަރުހަބާއެއް ދަންނަވާފައެވެ. ޑރ. މުއިއްޒު ރަށަށް އަރާ ވަޑައިގަންނަވާ ވަގުތެެއްގެ އިންތިޒާރުގައި އެތައް ބަޔަކު ރަށުގެ ބަނދަރު ސަރަހައްދަށް އޮތީ ޖަމާވެފައެވެ. އޭނާއާ ސަލާމަތް ކުރުމަށް އެތައް ބަޔަކު ސަފު ހަދައިގެން ތިއްބެވެ.
މިއީ ތަފާތު މަރުހަބާއަކަށްވީ އެ ރަށު ބަހުން ހަދާފައިވާ ލަވަ އެ ސަރަހައްދުގައި ޖަހާފައި ހުރުމުންނެވެ. ހުވަދޫ ބަހުން "މިފަހަރު އިންތިހާބުގައި ވޯޓު ދޭން ވާނީ ޑރ. މުއިއްޒަށް ކަމަށް" ލަވައިގައި ކިޔަމުންދިޔައެވެ.
މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހޯއްދަވައި ދެއްވި ފުރިހަމަ ކާމިޔާބީއަށް ވަނީ ޝުކުރު އަދާ ކުރައްވައި ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
"ފުރަތަމަ ބުރުގައި މިރަށުން އަޅުގަނޑަށް ތި ދެއްވި ތާއީދަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި މިރަށަށް ވަޑައިގަތުމުން ތިދެއްވި މަރުހަބާ އަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. ދެވަނަ ބުރުގައި ވެސް މި އަޅުގަނޑަށް މިރަށުން ފުރިހަމަ ތާއީދު ހޯދަވާދެއްވާނެކަމަށް އުންމީދުކުރަން. ދެވަނަ ބުރުން ކާމިޔާބުވެއްޖެނަމަ އަދި ބައްދަލުވާނެ.". މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފަ އެވެ. އަދި އެކަން އެނިގެން ދާނީ ވޯޓުންކަމަށާއި، އިންތިހާބަށް ފޯރުވާ ނުފޫޒަކަށް ނުވަތަ ވަޒީފާގެ ބިރަށް ބެލުމެއް ނެތި އެމަނިކުފާނަށް ތާއީދުކުރެއްވުމާއި ޕީޕީއެމަށް ސޮއިކުރަމުން ދިއުމުން އެއީ ރައްޔިތުން މިސަރުކާރު ބަދަލުވާން އެދޭ މިންވަރު ހާމަވާކަމަށެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ކޮންމެ ވައުދަކީ ފުއްދައިދެއްވުމަށްޓަކައި ވީ ވައުދެއްކަމަށާއި އެއިން ކޮންމެ ވައުދެއްވެސް ފުރިހަމަ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އަދި މިމަހުގެ 30ގެ ފަހުން، ކާމިޔާބާއެކު ވަޑައިގަންނަވާނޭކަމަށް ވިދާޅުވެލައްވައި، މުއިއްޒު ވަނީ ރައްޔިތުން ކޮށްދެއްވާ މަސައްކަތަށް ތަކުރާރުކޮށް ޝުކުރު ދަންނަވާފައެވެ.