ނެދަލޭންޑްސްގައި ކީރިތި ޤުރުއާން އެންދި މައްސަލަ ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ކޮށްވެރި ކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެގައުމުގައި ޤުރުއާން އަންދާލާފައިވަނީ އިސްލާމީ ބައެއް ގައުމުތަކުގެ އެންބަސީތަކުގެ ކުރިމަތީގައެވެ.

މި އަމަލު ކޮށްވެރިކޮށް ރާއްޖޭގޭ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ގުރުއާން އެންދުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ހައްގުތަކުގެ ތެރެއިން ހިމެނޭ ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން މިފަދަކަންކަމާ ދެކޮޅަށް ގާނޫނު ތަކާއި ސިޔާސަތުތައް އެކުލަވާލައި ގައުމީ ފެންވަރުގައި ތަންފީޒުކުރަން ފެށުމަށް އެދިވަޑައިގެންފައިވެއެވެ.

މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހިންގާ އިސްލާމޯ ފޯބިއާގެ މިފަދަ ހަރަކާތްތައް ތަކުރާރު ނުކުރުމަށް އެ ބަޔާނުގައި އެދިވަޑައިގެންފައިވެއެވެ. މުސްލިމުންނާ ދެކޮޅަށް ހިންގާ މިފަދަ ނޭދެވޭ ހަރަކާތް ތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ދެކޮޅު ހައްދަވައެވެ.