އަންނަ މަހުން ފެށިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެއަރ ސައިޑު މުވައްޒަފުންނަށް ރިސްކް އެލަވަންސެއް ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެމްއޭސީއެލުން ނެރުނު ސަރކިއުލާއެއްގައި ބުނީ މި އެލަވަންސް ދިނުމަށް ނިންމާފައި ވަނީ އެ ކުންފުނީގެ އެއަރ ސައިޑްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށެވެ.

މީގެއިތުރުން އެމްއޭސީއެލްއިން ވަނީ މި އެލަވަންސް ދިނުމަށް ނިންމާފައިވާ އެއަރ ސައިޑްގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ރިސްކް، ނުވަތަ ކުރާ މަސައްކަތުގެ ގޮތުން އަނިޔާއެއް ލިބުމުގެ ފުރުސަތު ހިމެނޭ މަސައްކަތްތަކެއް ކުރާ މުވައްޒަފުންނަށް ވާތީ، އެފަދަ މުވައްޒަފުންނަށް ހާއްސަ ރިސްކް އެލަވަންސެއް ދޭން ނިންމީ ކަމަށް ހާމަކޮށްފައެވެ.

އަދި މި އެލަވަންސަކީ މުވައްޒަފުން ކުރާ މަސައްކަތުގެ ބާވަތާއި އެކަމުގައި ހިމެނޭ ރިސްކް ކެޓަގަރައިޒް ކުރުމަށްފަހު، މަސައްކަތް ކުރާ ދުވަހަށް ދެވޭ އެލަވަންސެއް ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މިގޮތުން ރިސްކު އެލަވަންސް ދިނުމުގައި ބަލާނެ ކެޓަގަރީތަކާއި އެލަވަންސް ދޭ ރޭޓުތަށް ކުރިއަށް އޮތް ދުވަސްތަކުގައި މުވައްޒަފުންނަށް އަންގާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މީގެއިތުރުން މި ހަފްތާގައި ރައީސް އިބްރާޙިމް މުހައްމަދު ސާލިހުވެސް ވަނީ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވެފައެވެ.