އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި އަމީން ފައިސަލް ނިންމަވައިފިއެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުމާއެކު އަމީން ފައިސަލް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އެމްޑީޕީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށް ފަހުގައި، އެ ޕާޓީގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެމްޑީޕީން ވަކިވެވަޑައިގެން އަމީންފައިސަލް ވަނީ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެވެ.

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމީން ފައިސަލް ތާއިދު ކުރެއްވީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށެވެ. ނަޝީދާއި އަމީންއަކީ ވަރަށް ގާތް ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުންގެ ރަހްމަތްތެރިކަން އޮންނަތާ ވަރަށް ގިނަ ދުވަސްތަކެއްވެއްޖެއެވެ.

އަމީން ފައިސަލް ވިދާޅުވީ ވަރަށް ވިސްނުމަށްފަހު މިފަހަރު މުއިއްޒަށް ތާއީދު ކުރުމަށް ނިންމާފައިވާކަަމަށެވެ. އަމީން ފައިސަލް ވަނީ މީގެ ދެ ރޭ ކުރިން ޑިމޮކްރެޓްސްގެ އިސްބޭފުޅުންނާއި، ޕީޕީއެމްއާއިއެކު ބޭއްވި ބައްދަލުވުމުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސާލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.