އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައިވެސް ތާއީދުކުރާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން ރޭ ދަންވަރު ކުރި ޓުވީޓެއްގައި ބުނީ، އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިއަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކުރުން މަތީ އެ ޕާޓީން ދެމި އޮންނާނޭ ކަމަށެވެ.

"މާތް ﷲގެ އިރާދަފުޅާއެކު މި އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެމްޑީޕީ އާއި ރައީސް ސޯލިހަށް ތާއީދުކުރައްވާ އެންމެހާ ފަރާތްތަކާއެކުގައި މި ޕާޓީއިން ކުރާނެ ވާހަކަ ދެންނެވީމެވެ،" އަދާލަތު ޕާޓީން ބުނެފައިވެއެވެ.

އަދާލަތު ޕާޓީއަކީ 2018 ވަނަ އަހަރު ރައީސް ސާލިހުގެ ސަރުކާރު އުފެއްދުމުގެވެސް އެއް ހިއްސާދާރެވެ. އަދި މި ފަހަރުގެ އިންތިހާބުގައިވެސް އެމްޑީޕީއާ އެންމެ ފުރަތަމަ ކޯލިޝަން ހެދީ އަދާލަތުންނެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަދާލަތުގެ އިތުން އެމްޑީޕީއާ ކޯލިޝަން ހަދާފައިވަނީ އެމްޑީއޭއިންނެވެ. ނަމަވެސް އެމްޑީއޭއިން ވަނީ ކޯލިޝަން ރޫޅާލައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން ރޭ ނިންމައިފައެވެ.