އައްޑޫސީޓީ ހިތަދޫގައި ސަރުކާރުން ހިންގާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) ގެ ފެންވަރު ރަނގަޅުކޮށް ކެތުލެބު ފަދަ ވަސީލަތްތައް ގާއިމްކޮށްދީ ތަރައްގީ ކޮށްދެއްވާނޭ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ކެންޕޭން ދަތުރުގައި ހިތަދޫ ދެކުނު ޖަގަހައިގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ހޮސްޕިޓަލް އެފެންވަރަށް ތަރައްގީ ކުރުމުން ބޭސްފަރުވާއަށް މާލެނައިސް ރަށުގައި ތިބެގެން ބޭސްފަރުވާ ކުރެވޭނޭ ކަމަށެވެ.
"އަޅުގަނޑަށް އިތުބާރުކޮށް ޒިންމާ ޙަވާލުކޮށްފިނަމަ އެ ޒިންމާ ފުރިހަމައަށް އަދާކޮށްދޭނަން. މާލެ ނުގޮސް މިތަނުގައި ތިބެގެން ޚިދުމަތް ލިބޭގޮތަށް ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކޮށް ކެތުލެބް ފަދަ ވަސީލަތްތައް ޤާއިމްކޮށް ތަރައްޤީ ކޮށްދޭނަން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އައްސޭރި ޓޫރިޒަމްގެ މަޝްރޫޢުގެ ދަށުން އައްޑޫގައި 6000 އެނދު ޤާއިމްކޮށް 10000 މީހުންނަށް ވަޒީފާ ހޯދައި ދިނުމަކީ އެމަނިކުފާނުގެ ސަރުކާރެއްގެ އަމާޒު ކަމަށެވެ. އޭގެ އިތުރުން ޓުއަރިޒަމްގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ އަދި އެކި އެކި އުފެއްދުންތެރިމުގެ ދާއިރާ އިން ވަޒީފާގެ ފުރުޞަތުތައް ހޯދައިދެއްވާނޭ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން ޒުވާނުންނާއި ކުޅިވަރަށް ލޯބި ކުރާ ފަރާތްތަކަށް ބޭނުން ކުޅިވަރުގެ ވަސީލަތްތައް އައްޑޫ ސިޓީގައި ގާއިމް ކޮށްދެއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.
އައްޑޫއަކީ މިހާރުވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ސިޓީއެކެވެ. ހިނގަހިނގައި ހުންނަ އެފަދަ މަޝްރޫޢުތައް ހުއްޓާ ނުލައްވާނޭ ކަމަށާއި އެމަޝްރޫއުތައް އެއަށްވުރެ ބާރުމިނުގައި ކުރިއަށް ގެންދަވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. "ހިނގަހިނގާ ހުންނަ މަޝްރޫއުތައް އަޅުގަނޑު ހުއްޓާލާނެ ކަމަށް ތަކުރާރުކޮށް ކިޔާތީ އަދިވެސް ދަންނަވަން ހިނގަހިނގާ ހުރި، ފަށާފައި ހުރި، ހުއްޓިފައިވާ، ސޮއިކޮށް ނުފެށި ހުރި، އެ މަޝްރޫއެއް އަޅުގަނޑު އެއަށްވުރެ ބާރު ސްޕީޑުގައި އެކަންކަން ކޮށް ނިންމާނަން،" އައްޑޫ ރައްޔިތުންނަށް ޔަގީންކަން ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ސިޔާސީ ވަޒީފާއެއް ފިޔަވައި އެއްވެސް ކުންފުންޏަކުން ދީފައިވާ ވަޒީފާއަކުން މީހަކު ވަކިނުކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. "ސިޔާސީ ވަޒީފާއެއް ފިޔަވައި އެއްވެސް ކުންފުންޏަކުން ދީފައިވާ އެއްވެސް ވަޒީފާއަކުން މީހަކު ވަކިނުކުރާނަން. ނަމަވެސް ސިޔާސީ ވަޒީފާތަކަކީ އެއީ ސަރުކާރު ބަދަލުވީމާ ބަދަލުވާ ވަޒީފާތަކެއް. އެ ސަރުކާރަކުން އެމީހަކު ބަހައްޓަން ބޭނުންވެއްޖެއްޔާ ބަހައްޓާނެ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސްކަމަށް އިންތިޚާބު ކޮށްފި ކަމަށްވާނަމަ ޢުމްރާނީ ތަރައްޤީގެ ހުރިހާ މަސައްކަތެއް ނުހުއްޓި ކުރިއަށްދާނޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ދަނީ ރައްޔިތުން އެންމެ އެދޭ ގޮތަކަށް ނޫންކަމަށެވެ. "އިތުރު މަގުތައް ހެދުމާއެކު ސިޓީއެއްގައި ހުންނަ ފެންވަރަށް މި ސިޓީގެ މަގުތައް ހަދައިދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ތަރައްޤީ ގެނެސްދިނުމުގައި ރައްޔިތުން އެދޭ ގޮތަށް ތަރައްޤީ ގެނެސްދޭނެ ކަމުގެ ޔަގީންކަން އައްޑޫގެ ރައްޔިތުންނަށް މިއަދު ދެއްވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އައްޑޫން ދެއްވި ތާއީދަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ހޮނިހިރު ދުވަހުގެ ވޯޓުގައި ވަރަށް ބޮޑު ތާއީދެއް ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.