ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ، އައްޑޫ މީދޫ ދާއިރާގެ ރައީސް ޝައިޚް ޝަރަފުއްދީން އަބޫބަކުރު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވުމަށް ނިންމަވައިފިއެވެ.

އަދާލަތު ޕާޓިގެ އެކި ގޮފިތަކުގެ ރައީސުންނާއި އިސް ބޭފުޅުންގެ އިތުރުން އާންމުންވެސް އަންނަނީ ޑރ. މުއިއްޒަށް ތާއީދުކުރައްވާކަން ހާމަކުރަމުންނެވެ. އަދާލަތު ޕާޓީގެ ހުޅުމާލޭ ގޮފީގެ މެޖޯރިޓީ މެންބަރުންވެސް މިހާރު ވަނީ ޕީޕީއެމާ ގުޅިފައެވެ.

ޝަރަފުއްދީނާއެކު އައްޑޫ މީދޫގެ އަދާލަތު ޕާޓީގެ ގިނަ ބަޔަކުވެސް ވަނީ އެޕާޓިން ވަކިވެ ޕީޕީއެމާ ގުޅިފައެވެ. އަދާލަތު ޕާޓީން ވަނީ ކުރިއަށް އޮތް ދައުރަށްވެސް ރައީސް ސާލިހާއެކު ކޯލިޝަން ދަމަހައްޓާފައެވެ.