ހދ. ކުޅުދުއްފުށީގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފިކަމަށް މޯލްޑިވްސް ކޮންޓްރެކްޓިންގް ކުންފުނި (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ހިދުމަތް ރޭގައި ފަށްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ.

އެމްޓީސީސީން ބުނީ މި ހިދުމަތަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން، މިއަދުން ފެށިގެން އެމްޓީސީސީއިން އަންގާ މުއްދަތަކަށް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ. އަދި ބަހުގެ ހިދުމަތް ހޯދާފަރާތްތަކުން ދޭ ލަފާގެ މަތިން އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ކުރުމަށްވެސް މަސައްކަތް ކުރާނެކަމަށެވެ.\

މީގެއިތުރުން މި މުއްދަތުގައި ކުރާ ހިލޭ ދަތުރުތައް ނިމުމަށްފަހު، އާރްޓީއެލް ވެބްސައިޓް އާއި އެޕްލިކޭޝަން މެދުވެރިކޮށް ކިއުއާރް ޓިކެޓް ނެގޭނެއެވެ. އަދި، އުމުރުން ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، ސްކޫލް ކުދިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން 65 އަހަރުން މަތީގެ މީހުންނަށް އަބަދު ވެސް ހިލޭ ދަތުރުކުރެވޭނެއެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ވަނީ އެންމެ އުތުރާއި، އެންމެ ދެކުނުގެ ސަރަހައްދުތަކަށްވެސް ފަށާފައެވެ.