ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓު އަހުމަދު ސަލީމް އިންތިޚާބުގެ ދެވަނަބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއިދު ކުރައްވަން ނިންމަވައިފިއެވެ.

އެކަމާ ގުޅިގެން އުމަރު ނަސީރު ވިދާޅުވ ސަލީމިގެ އެ ނިންމެވުމަކީ އޭނާގެ އަމިއްލަ ނިންމެވުމެއް ކަމަށެވެ. އެކަން އެގޮތަށް ނިންމެވުމުގެ ކުރީން ލަފައަކަށް އެދިވަޑައިގެންނެވިނަމަ ދެއްވާނޭ ލަފައަކީ ވަކިކޮޅެއް ނުނަގަން ކަމަށް އުމަރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ރަނިންގްމޭޓް އަހުމަދު ސަލީމް އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރައްވަން ނިންމެވި ނިންމެވުން އެއީ އެބޭފުޅާގެ އަމިއްލަފުޅު ނިންމެވުމެއް. އަޅުގަޑުކުރެން ލަފަޔަކަށް އެދުނު ނަމަ، ވަކިކޮޅަކަށް ނޭރުމަށް ލަފާ އެރުވީމުސް،" ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އޭނާއާއެކު މަސައްކަތްކުރި ކޮންމެ މީހަކީވެސް މިނިވަނުން ކަމަށެވެ. އެއިން ކޮންމެ މީހަކަށް ވެސް އަމިއްލައަށް ގޮތް ނިންމޭނޭ ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ. "ކޮންމެ ނިންމެވުމެއް ނިންމެވިޔަސް އެކުވެރިކަމާ ގާތްކަން އޮންނާނެ،" ޢުމަރު ވިދާޅުވިއެވެ.

އެހެންނަމަވެސް ޢުމަރު ހުންނެވީ އޭނާ ފުރަތަމަ ވެސް ވިދާޅުވި ގޮތުގައެވެ. އިންތިޚާބުން ނާކާމިޔާބު ވިޔަސް ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނޭ ކަމަށް އިންތިޚާބުގެ މާކުރިން ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"އަޅުގަޑުގެ ނިންމުން ވަރަށް ސާފު. އަދި ބަދަލެއްވެސް ނުވާނެ. އެއީ ވަކިބޭފުޅަކަށް ތާއީދު ނުކޮށް ހުރުން،" ޢުމަރު ވިދާޅުވިއެވެ. އެހެންނަމަވެސް ޢުމަރު ވިދާޅުވީ ދެވަނަބުރުގައި ވޯޓުލައްވަން ވަޑައިގަންނަވާނޭ ކަމަށެވެ. އެހެންނަމަވެސް ވޯޓު ދެއްވާނީ ކޮންބޭފުޅަކަށް ކަމެއް ވިދާޅެއް ނުވެއެވެ.