ހައްޔަރުކުރާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް ރަޝިޔާގެ އިދިކޮޅު ލީޑަރ އެލެކްސީ ނަވަލްނީ އެނބުރި ރަޝިޔާއަށް ވަޑައިގެންފިއެވެ.

ނަވަލްނީ އެނބުރި ރަޝިޔާއަށް މި ވަޑައިގަންނެވީ ގާތްގަނޑަކަށް 5 މަސްދުވަސް ޖަރުމަނުގައި ހޭދަކުރެއްވުމަށް ފަހުގައެވެ.

ނަވަލްނީ ޖަރުމަނަށް ގެންދެވުނީ ސައިބީރިއާގައި އުޅުއްވަނިކޮށް ރަޝިޔާގެ އޭޖެންޓުން އޭނާއަށް ޒަހަރު ދިނުމުން، އިމަޖެންސީ ހާލަތުގައި ޖަރުމަނަށް ގެންދެވި ފަރުވާއަށްފަހުގައެވެ.

ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ކުރަމުންދިޔައީ، އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އެނބުރި ރަޝިޔާއަށް ވަޑައިގެންނެވި ނަމަ ހައްޔަރު ކުރެވޭނޭ ކަމަށެވެ. އަދި އޭނާއަށް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންފާނެ ކަމުގެ އިންޒާރުވެސް ދީފައި ވެއެވެ.

އެހެން ނަމަވެސް، ނަވަލްނީ ދަތުރުކުރެއްވި މަތިންދާ ބޯޓުވަނީ ވެރިރަށް މޮސްކޯގައި ޖައްސާފައެވެ. ނަމަވެސް، ބާރލިންއިން ފުރައިގެން އައި މަތިންދާ ބޯޓު ޖައްސަން ތާވަލްގައި އޮތް އެއަރޕޯޓަކަށް ނޫނެވެ.

ރަޝިޔާ ސަރުކާރުގެ އެއިރޯފްލޮޓްއިން ދުއްވާ ޕޮބެޑާ އެއަރލައިންގެ މަތިންދާ ބޯޓު ޖައްސަން ހަމަޖެހިފައި އޮތީ މޮސްކޯގެ ވްނުކޮވޯ އެއަރޕޯޓުގައެވެ. ނަމަވެސް ބޯޓު ޖެއްސީ މޮސްކޯގެ ޝެރެމެޓެޔެވޯ އެއަރޕޯޓަށެވެ.

ރަޝިޔާގެ ކަމާބެހޭ އިދާރާތަކުން ނަވަލްނީ ދަތުރުކުރެއްވި މަތިންދާ ބޯޓު ޖައްސާ އެއަރޕޯޓް ފަހު ވަގުތު ބަދަލު ކުރީ، ނޫސްވެރިންނާއި ހުރަސްއެޅުމަށާއި އަދި ނަވަލްނީގެ ސަޕޯޓަރުން އޭނާއަށް މަރްހަބާކިޔަން ފުރުސަތު ނުދިނުމުގެގޮތުން ކަމަށް މީޑިއާއިން ބުނެފައި ވެއެވެ.

އެލެކްސީ ނަވަލްނީއަކީ ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިންގެ އެންމެބޮޑު ސިޔާސީ ދެކޮޅުވެރިޔާއެވެ.

ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ނަވަލްނީ ހައްޔަރުކުރި ކަމެއް އަދި ސާފެއް ނުވެއެވެ.

ޖަރުމަނުން ފުރާވަޑައިގަންނަވަމުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަވަލްނީ ވިދާޅުވެފައިވަނީ، އެނބުރި ރަޝިޔާއަށް ވަޑައިގެންނެވުމަކީ ވޭތުވެދިޔަ 5 މަސްދުވަހުގެ އެންމެ އުފާވެރި ވަގުތުކޮޅު ކަމަށެވެ.