ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރާއްޖޭގައި ވެރިކަން ކުރާނެ ވެރިއަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިއްޖެއެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން 5:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

ވޯޓުލުން ފެށެން އެއް ގަޑިއިރަށް ވުރެ ކުރިން ބައެއް ވޯޓުލާ ސެންޓަރުތައް ކައިރީގައި މީހުން ކިއު ހަދަން ފަށައިފިއެވެ. މިއީ މީގެ ކުރިން ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަަ ބުރުގައި ވެސް ފެނުނު މަންޒަރެކެވެ.

ވޯޓު ގުނަން ފަށާނީ ފޮށި ބަންދުކުރުމަށްފަހު 30 މިނެޓު ފަހުންނެވެ. ބެލެވޭ ގޮތުގައި އިންތިހާބުގެ ވަގުތީ ނަތީޖާއެއް މިރޭގެ ވަގުތެއްގައި އިނގިގެންދާނެ އެވެ.

ފޮޓޯ: ހަލިނޫސް

ދެވަނަ ބުރުގައި ވާދަކުރައްވަނީ މި މަހުގެ ނުވައެއްގައި ބޭއްވި ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެވި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަދި ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.