ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ވޯޓު ކަރުދާސް ދެއްކުމުންނާއި ވޯޓު ކަރުދާހުން ފޮޓޯ ނެގި މައްސަލައިގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ވޭވް"ގެ އަޕްޑޭޓް ހިއްސާކުރަމުން ފުލުހުން ދެންމެ ބުނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަތަރު މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ދޫކޮށްލި މީހާއަކީ ފުވައްމުލަކު ސިޓީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ. އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވޯޓު ކަރުދާސްކޮޅު ދެއްކި މައްސަލައަކާ ގުޅިގެންނެވެ.

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި މިހާތަނަށް ވަނީ 65،600 އަށްވުރެ ގިނަ މީހުން ވޯޓު ލައިފައެވެ. އެއީ 38،309 ފިރިހެނުންނާއީ 27،291 އަންހެނުންނެވެ.