ލ.ފޮނަދޫގައި ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ކުރެހި އޮފިޝަލު އެމަގާމުން ދުރުކުރުމަށްފަހު، އަލުން އައު ފޮއްޓަކަށް ވޯޓު ލާން ފަށަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކްރެޓަަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ކުރަހާފައިވާ ވޯޓު ކަރުދާސްކޮޅު އޮތް ފޮށި ބަހައްޓާފައި، އައު ފޮއްޓަކަށް ވޯޓު ލާން ފެށުމަށް ފޮނަދޫގައި ތިބި އޮފިޝަލުންނަށް ކޮމިޝަނުން އިރުޝާދު ދީފައިވާ ކަމަށެވެ.އަދި އެ ވޯޓު ފޮށީގައި ހުރި ވޯޓު ކަރުދާސްތައްވެސް ގުނާނެކަމަށްވެސް ޒަކަރިއްޔާ ވިދާޅުވިއެވެ.

ފޮނަދޫގެ ތިންވަނަ ނަންބަރު ފޮށިން ދޫކުރި ވޯޓު ކަރުދާސް ކޮޅުގައި ކުރަހާފައި ---- ވަން ފޮޓޯ: މުހައްމަދު ޝަމްއޫން

މީގެއިތުރުން މި މައްސަލައާ ގުޅިގެން ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖު ވިދާޅުވީ ފޮނަދޫގެ ތިން ނަންބަރު ފޮށިން ދޫކުރި ތިން ވޯޓު ކަރުދާސްކޮޅެއްގައި ކުރަހާފައިވާ ކަމަށެވެ.އަދި އެ ތިން ކަރުދާސްކޮޅު ދޫކޮށްފައިވަނީ ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒަށް ތާއީދުކުރާ، އެމަނިކުފާނަށް ވޯޓުލާން ދިޔަ މީހުންނަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި 101،635 ވޯޓު ލިބިވަޑައިގެންނެވި ޕީއެންސީ ގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އާއި އަދި 86،161 ވޯޓު ލިބިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހުއެވެ.