އެމްޑީޕީގެ މެމްބަރުންނަށް ބަދުބަސް ބުނެ، ފުރައްސާރަ ނުކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީރެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ނަޝީދު އެފަދައިން އެދިވަޑައިގަންނަވާފައި މިވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުން ނިމި ވޯޓު ގުނަން ފަށާފައި ވާއިރު، އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާނެކަން ޔަގީންވުމާ ގާތަށް ދިއުމުންނެވެ.

ނަޝީދު ވިދާޅުވީ، ރުޅިވެރިކަން އިސްކުރުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީ ސަޕޯޓަރުންނާއި މެމްބަރުންނަށް ބަދު ބަސް ބުނެ ފުރައްސާރަ ނުކުރުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފެފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ގުނަން ފަށާފައި ވާއިރު، މިހާތަނަށް ކުރީގައި އުޅުއްވަނީ ޑރ. މުހައްމަދު މުއިއްޒުއެވެ.

މިރޭގެ 8:00 އާ ހަމަޔަށް އާއްމު ކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، 586 ފޮށީގެ ތެރެއިން މިހާތަނަށް ގުނާފައިވާ 355 ފޮށީގެ ނަތީޖާއަށް ބަލާއިރު، ޑރ. މުއިއްޒުއަށް ލިބިވަޑައިގެންފައި ވަނީ 54.2 އިންސައްތައެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 45.8 އިންސައްތައެވެ.

އެހެންކަމުން ޕީޕީއެމް/ޕީއެންސީއަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެ ކަމަށް ޑރ މުއިއްޒުގެ ސަޕޯޓާރުން ގަބޫލުކުރައްވައިފިެބެ.