ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި ރާއްޖޭގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންފައިވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ވިދާޅުވެއްޖެއެވެ.

މޯދީ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިޔާއާއި ދިވެހިރާއްޖެއާ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އިންޑިޔާއިން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށެވެ.

ރިޔާސީ ބަހުސްގައި ހާރިޖީ ސިޔާސަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ހާރިޖީ ސިޔާސަތު ގެންގުޅޭނީ ހުރިހާ ގައުމަކާއިވެސް ގާތް ގުޅުމެއް ބާއްވައިގެން ކަމަށެވެ. މުއިއްޒު ވިދާޅުވީ އަބަދުވެސް އިސްކުރާނީ ދިވެހިން ކަމަށާއި، ދިވެހިން ތިބި ގައުމުތަކާއި، އަދި ދިވެހިން އާންމުކޮށް ދާ ގައުމުތަކާ ގާތް ގުޅުމެއް ބާއްވާނެކަމަށެވެ. އަދި އެއްވެސް ގައުމަކުން ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނައަޅާދާ ކަމުގައިވާނަމަ އެކަމަށް ޖާގަ ނުދެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އަވަށްޓެރިއާ ކަމަށާއި އެހެންކަމުން އިންޑިއާ އިސްކުރުމުގެ ސިޔާސަތު އޮންނާނެ ކަމަށެވެ.