ރާއްޖޭގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންފައިވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް މޯލްޑިވްސް ނެޝަނަލް ޕާޓީން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

އެމްއެންޕީއިން ޓުވިޓާގައި ކުރި އިއުލާނެއްގައިވަނީ މި އިންތިހާބުގެ ނަތީޖާއަކީ ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ދިވެހި ރައްޔިތުން ދެއްވި ވޯޓެއް ކަމަށެވެ. އަދި ރާއްޖެއިން ގެއްލިގެން ދިޔަ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދައި، ރާއްޖޭގެ ދަރަނި ކުޑަކޮށް، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް ރައްޔިތުންނަށް އުފާފާގަތި ކަން ހޯދުމަށް ދެއްވި ވޯޓެއްކަމުގައިވެސް ގަބޫލުކުރާ ކަމަށެވެ.

މީގެއިތުރުން ބުނީ މި ނަތީޖާއެކު ދިވެހި ރައްޔިތުންގެ އުންމީދުތައް ހާސިލުވެ، ރައްޔިތުންނަށް އުފާފާގަތިކަމާއި ރައްކާތެރިކަން ލިބޭނޭކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށެވެ. އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރައްވައި، ބޭރުގެ ނުފޫޒުތައް ކުޑަކުރައްވައި ރާއްޖޭގައި އަމަންއަމާންކަން ޤާއިމުކުރައްވައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރައްވާނޭ ކަމުގެ ޔަޤީންކަން އޮތް ވާހަކަވެސް ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.

ރާއްޖެ ހިންގުމަށް އެމްއެންޕީގެ އެއްބާރުލުން ފުރިހަމައަށް ޑރ.މުއިއްޒުއަށް ދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.