މިއީ އުންމީދުކުރެއްވި ނަތީޖާ ކަމަށް އިއްޔެ ބޭއްވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް އަދި ފަރެސްމާތޮޑާ ދާއިރާ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
ސެމްބެ މިފަދައިން ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ރޭ މީރުމާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ނޫސްވެެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސެމްބެ ވަނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ކެންޑިޑޭޓް، ޑރ. މުއިއްޒަށް އިތުބާރު ކުރައްވާ ދިން ވޯޓަށް އިހުލާސްތެރި ކަމާއެކު ޝުކުރު ދަންނަވާފައެވެ. އަދި މި އިންތިހާބަށް ވޯޓުލާން ނިކުތް ހުރިހާ ރައްޔިތުންނަށް ވެސް ސެމްބެ ވަނީ ޝުކުރު ދަންނަވާފައެވެ.
ސެމްބެ ވިދާޅުވީ އެކި އެކި ސަބަބުތަކާ ހުރެ މި އިންތިހާބުގައި ވޯޓުލުމުގައި ބައިވެރި ނުވެވުނު މީހުން ތިބި ކަމުގައި ވީ ނަމަވެސް މުއިއްޒު ވިދާޅުވެފައިވާ ފަދައިން ރައްޔިތުންނަށް ހިދުމަތް ކުރައްވަން ނިކުމެވަޑައިގަންނަވާނެ ކަމަށެވެ. އަދި ވަކި ފިކުރަކަށް، ވަކި ކުލައަކަށް ބެއްލެވުމެއް ނެތި ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި ވާހަކަ ސެމްބެ ވަނީ ތަކުރާރު ކުރައްވާފައެވެ.
އުންމީދު ކުރެއްވި ގޮތަށް ދިވެހި ރައްޔިތުން އިތުރުބާރު ޔަގީން ކޮށްދިނީތީ ޝުކުރު ދަންނަވާ މިއީ އުންމީދު ކުރެއްވި ނަތީޖާ ކަމަށް ސެމްބެ ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ބެހެއްޓި 586 ފޮށީގެ ތެރެއިން ލަންޑަނުގައި ބަހައްޓާފައިވާ ވޯޓު ފޮށި ފިޔަވައި ހުރިހާ ފޮށިތަކެއްގެ ނަތީޖާ ލިބިފައި ވާއިރު، ވަގުތީ ނަތީޖާ ދައްކާ ގޮތުން 18 ހާހެއްހާ ވޯޓުގެ ތަފާތުން ކުރީގައި އުޅުއްވަނީ މުއިއްޒެވެ.