އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު، ކާމިޔާބު ކުރެއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މުއިއްޒުގެ އަރިހުގައި ވަޑައިގެންނެވީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) އެވެ.

ނަމަވެސް ދެ ބޭފުޅުން ބައްދަލު ކުރެއްވިކަން ފިޔަވާ ބައްދަލުވުމާ ގުޅޭ ތަފުސީލެއް ރައީސް އޮފީހަކުން އަދި ދެ ޕާޓީގެ ފަރާތުންވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މީގެއިތުރުން ދެ ބޭފުޅުން މިއަދު ރައީސް އޮފީހުގައި ބައްދަލުކުރެއްވިއިރު، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މާފުށި ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރެއްވުމަށް މިހާރު ވަނީ މާލެ ގެނެސްފަ އެވެ.