އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު މިރޭ ސޯޝަލް ސެންޓަރުގައި ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމައިފިއެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު ލިބިވަޑައިގެންނެވި ކާމިޔާބީގެ އުފާ ފާޅު ކުރެއްވުމަށާއި އަދި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފުރަތަމަ ނިންމެވީ ރޭގެ 8:30 ގައެވެ. އާޓިފިޝަލް ބީޗުގައެވެ. ނަމަވެސް ރޭގެ އެ ބައްދަލުވުން މިރެއަށް ލަސްކޮށްފައި ވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ.

މިރޭ 8:30 އަށް ސޯޝަލް ސެންޓަރުގައި އެ ބައްދަލުވުން ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޕީޕީއެމްއިން ވަނީ އެ ބައްދަލުވުމަށް ހުރިހާ ރައްޔިތުންނަށް ދައުވަތު ދީފައެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ބެހެއްޓި 586 ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 19،291 ވޯޓުގެ ތަފާތުން ކުރި ހޯއްދެވީ މުއިއްޒެވެ. މުއިއްޒަށް 129،159 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވާފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.

މުއިއްޒަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސެވެ. އެހެންކަމުން މުއިއްޒަކީ ރާއްޖޭގެ އަށްވަނަ ރައީސެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އެވެ.