އިންތިހާބީ ނައިބު ރައީސް، ފަރެސްމާތޮޑާ ދާއިރާގެ މަޖިސް މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެެ) ޕީޕީއެމް ދޫކުރައްވައި، ޕީއެންސީ އަށް ސޮއިކުރައްވައިފައިވާ ކަން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އަންގައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ހުސައިން މުހައްމަދު ލަތީފް ރިޔާާސީ އިންތިހާބުގައި ވާދަކުރެއްވީ ޕާޓީ ބަދަލުކުރެއްވުމަށް ފަހު ކަމަށާއި އެކަން ރަސްމީކޮށް މަޖިލީހަށް އަންގާފައިވާ ކަމަށެވެ. ހަމައެއާއެކު އިލެކްޝަންސް ކޮމިޝަނުން ވެސް އެކަން މަޖިލިހަށް އަންގާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މިހާރު އިންތިހާބުވެފައިވާ ނައިބު ރައިސް ޕާޓީ ބަދަލުކުރައްވާ އެ ރިޔާސީ އިންތިހާބުގައި ބައިވެރިވެ ވަޑައިގަތީ. ބަދަލުުކުރައްވަމުން މަޖިލީހަށް އޮތީ ކަރުދާސް ޑޮކިއުމެންޓްސް ހުށަހަޅުއްވާފައި އަދި އިލެކްޝަން ކޮމިޝަނުންވެސް މަޖިލީހަށް ވަނީ ޑޮކިއުމެންޓްސް ހުށަހަޅުއްވާފައި." ނަޝީދު ވިދާޅުވިއެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެ ޕާޓީގެ ނަމުގައި ރިޔާސީ އިންތިހާބަށް ވާދަކުރެވޭނީ ޕީއެންސީގެ މެމްބަރަކަށެވެ. އެހެންވެ، މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން، ޕީޕީއެމްގެ އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ޕީއެންސީއާ ގުޅިވަޑައިގަތީއެވެ.

މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ގޮތް:

  • ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) – 56
  • ދަ ޑިމޮކްރެޓްސް – 13
  • ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) – 4
  • ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) – 4
  • މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) – 3
  • މޯލްޑިވްސް ޑިވަލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) – 2
  • ޖުމްހޫރީ ޕާޓީ (ޖޭޕީ) – 2
  • ވަކި ޕާޓީއަށް ނިސްބަތްނުވާ މެންބަރުން – 3