ދިވެހި ރައްޔިތުން ބޭނުންވަނީ ނަތީޖާ ނެރެދޭ ސަރުކާރެއް ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އެކަމުގެ އުފާފާޅުކުރުމަށް އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ "ތިޔަ ރައްޔިތުން ތިޔަ ނިންމުމުން އެނގެނީ މިގައުމުގެ ކުރިމަގު ބައްޓަން ކުރުމުގައި ނަތީޖާ ނެރެދޭ ސަރުކާރެއް ބޭނުންވާކަން. ރައްޔިތުންގެ ކަންކަން ނިމުނު ފަސް އަހަރުގެ ސްޕީޑުގައި ދާން ބޭނުންނުވާކަން،" ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނުކުފާނުގެ ސަރުކާރެއްގައި ރައްޔިތުން ބޭނުންވާ ސްޕީޑުގައި ކަންކަން ކޮށްދެއްވާނޭ ކަމަށެވެ. ރައްޔިތުންގެ ނިންމުމުން ދޭހަވަނީ ގެދޮރުވެރިކަން ކޮންމެ ރައްޔިތަކަށް ކަށަވަރުވާ ކަމާއި އިގްތިޞާދު ނަގައި ކޮޅަށް ޖަހައި ޒުވާނުންނަކީ ފުދުންތެރި، އަބުރުވެރި ބަޔަކަށް ހަދަން ބޭނުންވާކަން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި އަންހެނުންނަށް ފުރުޞަތުތައް ފަހިކޮށްދީ ބާރުވެރި ބަޔަކަށް ހަދަން ބޭނުންވާކަމާއި، އިސް ރަށްވެހިންނަކީ އެ ބޭފުޅުން ގައުމަށް ކުރެއްވި މަސައްކަތްތައް އަލުން ކުރުމުގެ ފުރުޞަތު ލިބޭ ފަޚުރުވެރި ބަޔަކަށް ހަދަން ބޭނުންވާކަމާއި އިޖުތިމާޢީ ރިވެތި އާދަކާދަތައް ދިވެހިން ބޭނުންވާކަން ރައްޔިތުންގެ ނިންމުމުން އެނގިގެން ހިނގައްޖެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.