ކުރިއަށްއޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމަށް ރައްޔިތުން އިންތިޚާބު ކުރައްވާފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ މަޖިލީހުން ހުރިހާ އެއްބާރު ލެއްވުމެއް ދެއްވާނޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުއިއްޒާއި އިންތިޚާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފާއެކު މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.

މި ބައްދަލުވުމުގައި ރައީސް ނަޝދު ވިދާޅުވީ " މުއިއްޒަށް އެބޭފުޅާއަށް މަރުހަބާ ދެންނެވިން. އަދި މަޖިލީހުން އެބޭފުޅާއަށް ހުރިހާ އެއްބާރުލުމެއް ދެއްވާނޭ ކަމަށް ވެސް އަޅުގަނޑުމެން ދެންނެވިން،"

އެމަނިކުފާނު ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ވެސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ގޮތަށް ކުރިއަށް ދާނޭ ކަމަށެވެ. "ޑޮކްޓަރ މުއިއްޒު ހުވައިކުރުމުގެ ރަސްމިއްޔާތާއި އެކަންކަން އެދިވަޑައިގެންފައިވާ ގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ބައްދަލުވުމަށްފަހު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރައީސް ނަޝީދު އެވިދާޅުވި ގޮތަށް އައުސަރުކާރު އެކުލާވާލުމަށްފަހު ސަރުކާރު ދެމެހެއްޓުމަށް މަޖިލީހުން ދެއްވަންޖެހޭ އެއްބާރުލެއްވުން ދެއްވާނޭ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި ކަމަށެވެ.

އެ ބައްދަލުވުގައި ބައިވެރިވި އިދިކޮޅު ޕާޓީގެ މެމްބަރުން ވެސް ސަރުކާރު ޒިންމާދާރު ކުރުމަށް އެއްބާރުލުން ދެއްވާނޭ ކަމުގެ ޔަގީން ދެއްވި ކަމަށް ވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރިއަށްދާނޭ ކަމާމެދު ޔަގީންކަންވެސް އެބައޮތް ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ނޮވެމްބަރު ސަތާރަ ވަނަ ދުވަހުއެވެ.