އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއީ މަގާމަށް އިންތިހާބުވުމަށް ފަހު ޑރ. މުއިއްޒު ބޭރުގެ ސަފީރަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލުވުން ކުރިއަށް ގެންދިޔައީ، މުއިއްޒުގެ އަމިއްލަ ގެކޮޅު، މ. ދިމްޔާތުގައެވެ.

މި ބައްދަލުވުމުގައި، މުއިއްޒުގެ އަރިހުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު(ސެމްބެ) ވެސް އަދި އިނގިރޭސި އެމްބަސީގެ އޮފިޝަލަކު ވެސް ސަފީރުގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޑރ. މުއިއްޒުގެ ކާމިޔާބީ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ދެއްކެވި ވާކަހަފުޅުގައިވެސް ހާރިޖީ ސިޔާސަތަކީ 'ޕްރޯ މޯލްޑިވްސް' ސިޔާސަތު ކަމަށާއި އަދި އެ ސިޔާސަތު ގަބޫލުކުރާ ކޮންމެ ގައުމަކާ އެކުވެސް ގުޅުން އިތުރަށް ބަދަހިކުރައްވާނޭ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އިންޑިޔާގެ ސަފީރު ބައްދަލުކުރައްވަން އެދިވަޑައިގެންފައިވާ ކަމަށާއި އިންޑިއާ ސަފީރާ އެކު ވަރަށް އަވަހަށް ބައްދަލުކުރައްވާނޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ވަކި ގައުމަކަށް އެކަނި ބަރޯސާ ވާނެ ކަމެއް ނޫންކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. ކިތަންމެ ކުޑަ އަދި ކިތަންމެ ބޮޑު ގައުމެއް ވިޔަސް ގާތްކަން ދަމަހައްޓަވާނެ ކަމަށާއި، އަދި ގާތް އެކުވެރި ގަައުމުތަކާއި އަރަބި އިސްލާމީ ގައުމުތަކާއި އޮތްނަން ގުޅުން އިތުރަށް ހަރުދަނާ ކުރާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.