ހދ ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ ފައިސާތަކެއް ފޭރިގަނެފިއެވެ.

ހަނިމާދޫ ކައުންސިލް މެންބަރ "ހަލިނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ރޭ 11:45 ހާއިރު އެ ރަށު/ އަސްރަފީގެ އުމުރުން ދުވަސްވީ މީހަކަށް ހަމަލަދީ، އޭނާގެ އަތުން ފައިސާތަކެއް ވަނީ ފޭރިފައެވެ. މިއީ 63 އަހަރުގެ އާދަމް ޔޫސުފް ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުންގެ މީޑިޔާއިން ހާމަކޮށްފައިވާ ގޮތުގައި ރޭ 11:45 ހާއިރު ހަނިމާދޫގައި ގެޔަކަށްވަދެ އެ ގޭގައި އުޅޭ ފިރިހެންމީހާއަށް އަނިޔާކޮށް، ފައިސާތަކެއް ފޭރުނު ކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެއީ 63 އަހަރުގެ ފިރިހެނެކެވެ. އަދި އެމީހާއަކީ ހާއްސަ އެހީ އަށް ބޭނުންވާ މީހެއްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިހާރު މިމީހާއަށް ލިބުނު އަނިޔާއަށް ފަރުވާދެމުންދާ ކަމަށާއި މި މައްސަލައިގައި 25 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ހައްޔަރުކުރީ ކުށުގެ ރެކޯޑް އޮންނަ މީހެއްކަމަށް ވެއެވެ.

މިމައްސަލަ ފުލުހުން އަންނަނީ އިތުރަަށް ތަހުގީގު ކުރަމުންނެވެ.

މިދިޔަ ހަފުތާގައި އައްޑޫސިޓީގައި 81 އަހަރުގެ މީހަކު ބަނދެ، ފޭރުނު މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 50 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.