ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިއުލާނު ކޮށްފިއެވެ.

އީސީން އާއްމުކުރި ނަތީޖާއިން ދައްކާ ގޮތުގައި، އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގެންނެވީ 129159 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 54.04 އިންސައްތައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑައިގެންނެވީ 109868 ވޯޓެވެ. އެއީ 45.96 އިންސައްތައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަ ބުުރުގައި ވޯޓުލީ މީހުން ގިނައެވެ. އެގޮތުން ދެވަނަ ބުރުގައި 87.31 އިންސައްތަ މީހުން ވޯޓު ލާފައިވެއެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 282804 މީހުންނަށެވެ. ވޯޓު ލާފައި ވަނީ 246915 މީހުންނެވެ. އަދި 7888 ވޯޓު ވަނީ ބާތިލު ވެފައެވެ.

މި ނަތީޖާއާއެކު ކުރިއަށް އޮތް ދައުރުގައި ރާއްޖޭގެ ރައީސްކަން ކުރައްވާނީ ޑރ. މުހައްމަދު މުއިއްޒުއެވެ.