އިންތީހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިހްތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި، މުއިއްޒުގެ ރިޔާސީ ދައުރުގައި، ޖަޕާނާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ފެށިގެންދާ އާ ދައުރުގައި މި ގާތްކަން އިތުރަށް ފުޅާވެ ބަދަހިވުމަށް އުއްމީދުކުރައްވާކަމަށާއި، އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއި ބައިވެރިވުމަށް ޑރ މުއިއްޒު އެދިވަޑައިގެންނެވިއެވެ. ޖަޕާންގެ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ-ޖަޕާނުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވިއެވެ.