ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވައިސް އެޑްމިރަލް މުހައްމަދު ފައްޔާޒު ގިލާނީ އާ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

މ. ދިމްޔާތުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޑރ. މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ޕާކިސްތާނުގެ ސަފީރު ވަނީ ޑރ. މުއިއްޒު ރިޔާސީ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައިި އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ. ޕާކިސްތާނާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ޑރ. މުއިއްޒުގެ ވެރިކަމުގައި އިތުރަށް ބަދަހިވެގެންދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ޚާރިޖީ ސިޔާސަތަކީ ކުޑަގައުމެއް ބޮޑުގައުމެއް ފަރަގު ކުރުމެއް ނެތި ގުޅުން ދެމެހެއްޓުން ކަމަށެވެ. ވަކި ގައުމަމަކަށް ބަރޯސާނުވާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާސަތާއި އިސްތިގުލާލު ދެމެހެއްޓުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ޒިންމާއެއްކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ކޮންމެ ގައުމަކުން ވެސް ދިވެހިންގެ މިނިވަންކަމަށް އިހުތިރާމު ކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.