ހދ. ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލަދީ ފޭރުނު މީހާ ހަތްދުވަހަށް ބަންދު ކުރުނަށް އެ ރަށު މެޖިސްޓްރޭޓު ކޯޓުން އަމުރު ކޮށްފިއެވެ.

ހަނިމާދޫ/ އަސްރަފީގެ، 63 އަހަރުގެ އާދަމް ޔޫސުފަށް ހަމަލާދީ ފޭރުނީ އިއްޔެ ދަންވަރުގެ ވަގުތެއްގައެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ 25 އަހަރުގެ ފިރިހެނެކެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އަދި އޭނާއާ ގުޅޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރުވެސް ކުރިއަށް ނުގޮސް ހަތަރު ވަރަކަށް އަހަރުވެފައިވާކަމަށް އެނގިފައިވެއެވެ.

އާދަނުގެ ބޮލަށް ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމަށް އިއްޔެ ހެނދުނު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. މިހަމަލާގައި އޭނާގެ ކަރުތެރެއަށްވެސް ވަނީ އަނިޔާވެފައެވެ. އޭގެ ސަބަބުން ކެއުމަށް އުދަގުވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ މަރަދޫގައިވެސް 81 އަހަރުގެ މީހަކު ބަނުމަށް ފަހު ފޭރުނު މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 50 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.