ނިމިގެން ދިއަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ސިނަމާތަށް ގެނެސްދިން ޝާހުރުކް ހާންގެ ފިލްމު "ޖަވާން" ކާމިޔާބު އެތައް ޝޯވތަކެއް ދިނުމާއެކު ބޮޑު އާމްދަނީއެއް ހޯދައިފިއެވެ. އެހެންކަމުން ޝާހުގެ މިއަހަރުގެ ފުރަތަމަ ފިލްމް "ޕަޓާން" ފަހަތަށް ޖައްސައި "ޖަވާން" މިވަނީ ރެކޯޑް އަތުލާފައެވެ. އަދި ހަމަމިއާއެކު މިއަހަރުވެސް މިވެގެން ދިޔައީ ޝާހަށް ހަމަ ފިސާރި ކާމިޔާބު އަހަރަކަށެވެ. އަހަރު ނެރުނު ދެފިލްމުވެސް ސުޕަޑުޕަ ހިޓް ވުމާއެކު ރެކޯޑް އަދަދަކަށް އާމްދަނީ ލިބުނީއެވެ.

ފިލްމު ސިނަމާތަކުގައި އޮއްވާ ވަގުކޮޕީތައް އާންމުވެފައިވީ ނަމަވެސް މިއީ ފިލްމުގެ ކާމިޔާބަށް އެއްވެސް އަސަރެއް ކުރި ކަމެއްކަމަކަށް ނުވެއެވެ. ހީވާގޮތުން މިއީވެސް ކާމިޔާބެކެވެ. އެހެނީ ވަގުކޮޕީތައް ބެލުމުން ފިލްމުގެ ރީތިކަން ހިތަށް އަރައި ސާފުކޮށް ރީތި އަޑު އިވިގެން ފިލްމު ބަލަން އެމީހުން ބޭނުން ވުމަކީ ޔަގީނުންވެސް ފިލްމަށް ލިބުނު އިތުރު ކުރިއެރުމަކަށް ނޫނީ ނުވާނެއެވެ.

ޝާހުގެ ޑަބަލްރޯލު ފެނިގެން ދާ "ޖަވާން"ގައި ދިޕިކާއާއި ޝާހަކީ ޝާހުޖޫނިއާގެ މަންމައާއި ބައްޕައެވެ. ޖަލުގައިދީން ބަލަހައްޓާ ޖޭލަރެއްގެ ގޮތުގައި ހުރެ ޝާހު ޖަލު އަންހެން ގައިދީންތަކަކަށް އިންސާފު ހޯދައިދިނުމާއެކު އަމިއްލަ މަންމައާއި އާއިލާގެ އިންސާފަށްވެސް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން އޭނާގެ ބައްޕަ މަރުނުވެ ދުނިޔޭގައި ހުރިކަން އެނގިގެންދެއެވެ. ފިލްމުގެ އަންހެން ބަތަލާ ނަޔަންތަރާ އަކީ މި މައްސަލަ ތަހުގީގު ކުރާ އޮފިސަރުގެ އިތުރުން ޝާހުގެ ކައިވެނިކުރެވޭ ލޯބިވާ އަނބިމީހާވެސް މެއެވެ. އެހެންނަމަވެސް ކައިވެނީގެ ފުރަތަމަ ރެއިން ނަޔަންތަރާއަށް ޝާހަކީ އޭނާގެ ކުށްވެރިޔާކަން އެނގި މައްސަލަ ގޯސްވެއެވެ. ހަގީގަތް އެނގި، ނަޔަންތަރާއަށްވެސް ހުރެވުނީ ދުޝްމަނުންގެ ބަޔެއްގެ ތެރޭގައިކަން އެނގުމުން، އޭނާ ޝާހުއާ އެއްކޮޅަށް މަސައްކަތް ކުރެއެވެ.

ފިލްމަކީ އާންމު ތަމަޅަ ފިލްމުތަކުގެ ހިޔާލަށް ހަދާފައިވާ ފިލްމަކަށްވާތީ ފިލްމު ވަނީ ނުހަނު ބޮޑަށް ކާމިޔާބުވެފައެވެ. ތަމަޅަ "ތްރިލާ"ހިޔާލުތަކަކީ ގިނަ ބަޔަކަށް ކަމުދާ ސްޓައިލެކެވެ.

އެޓްލީގެ "ޖަވާން" ގައި ދިޕިކާ ކުޅުނު ރޯލާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު ނަޔަންތަރާފަދަ އެކްޓަރަކުގެ ރޯލު އެހާ ބޮޑު ނުވުމަކީވެސް ބައެއް މީހުންގެ ޝަކުވާއަކަށްވިއެވެ.

ކޮންމެއަކަސް ކޮންމެބަޔަކު ކޮންމެ ވާހަކައެއް ދެއްކިކަމުގައި ވިޔަސް ޝާހުގެ ޖަވާން މިވަނީ ހިތްތަކުން ޖާގަހޯދައި ފުރިހަމަ އާމްދަނީއެއްވެސް ހޯދާފައެވެ.