އިސްރާއީލާއި ފަލަސްތީނުގެ ޣައްޒާއާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެ.

ބައިނަލްއަގްވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 2.50 ޑޮލަރު މައްޗަށް ގޮސް 87.05 ޑޮލަރަށް އަރާފައިވާއިރު، އެމެރިކާގެ ތެލުގެ އަގުތައް ވެސް ވަނީ މައްޗަށް ގޮސްފަ އެވެ. މީގެ ކުރީގައި ތެޔޮ ފީފާއެއްގެ އަގު އުޅުނީ 84.55 ޑޮލަރާއި 75 ޑޮލަރާ ދެމެދުގައެވެ. އެމެރިކާގެ ބެންޗްމާކް ކަމަށްވާ ވެސްޓް ޓެކްސަސް އިންޓަމިޑިއަޓް ކްރޫޑްގެ އަގު 2.50 ޑޮލަރު މައްޗަށް ގޮސް 85.30 ޑޮލަރަށް އަރާފައިވެ އެވެ.

ކެޕިޓަލް އިކޮނޮމިކްސްގެ ޗީފް ކޮމޮޑިޓީސް އިކޮނޮމިސްޓް ކެރޮލައިން ބެއިން ބީބީސީގެ ޓުޑޭ ޕްރޮގްރާމްގައި ވިދާޅުވީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ވެސް އީރާނުން މި އަހަރުގެ ތެރޭގައި ތެޔޮ އުފެއްދުން އިތުރު ކުރަމުން އަންނަ ކަމަށެވެ. މިސް ބެއިން އިތުރަށް ވިދާޅުވީ ކެޕިޓަލް އިކޮނޮމިކްސް އިން ލަފާކުރާ ގޮތުގައި އަހަރުގެ ފަހު ތިން މަސް ދުވަހުގެ ތެރޭގައި ތެލުގެ ޑިމާންޑް ސަޕްލައިއަށް ވުރެ އިތުރުވާނެ ކަމަށާއި އެއީ ތެލުގެ އަގު ބޮޑުވުމަށް މަގުފަހިވާނެ ކަމެއްކަމަށެވެ. އިސްރާއީލާއި ފަލަސްތީނުގެ ސަރަހައްދުތަކަކީ ތެޔޮ އުފައްދާ ސަރަހައްދުތަކެއް ނޫން ނަމަވެސް ދުނިޔޭގެ ސަޕްލައިގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހިއްސާކުރަނީ މެދުއިރުމަތީގެ ސަރަހައްދުގައެވެ.