އުރީދޫގެ އެމް-ފައިސާ އަދި ހިދުމަތްޖަމިއްޔާ މެދުވެރިކޮށް ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީވުމުގެ ފުރުސަތު ފަހިކޮށްދީފިއެވެ.

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ ޢުދުވާނު ތަކުގައި އެތައް ސަތޭކަ ބަޔަކު ޝަހީދުވެފައިވާއިރު، 2500 އަށްވުރެ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި އެތަކެއް ޢާއިލާ ތަކެއް މަގުމަތިވެ، އެންމެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި މުސްލިމުންގެ އެހީއަށް ވަނީ ނުހަނު ބޭނުންވެފައެވެ.

އެ ފަރާތްތަކަށް އެހީވުމަށް އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ފަސޭހަ މަގެއް ފަހިކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެގޮތުން، އެމް ފައިސާ މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ބޭނުންވާ ފަރާތްތަކުން;

  • އުރީދޫ އެޕް މެދުވެރިކޮށް ore.do/mf އެމް-ފައިސާއަށް ލޮގިންކޮށްލާ
  • ސްމާޓް ޕޭ ހިޔާރު ކުރުމަށްފަހު، ކިއުއާރު ސްކޭންކޮށްލާ
  • އެހީގެ ގޮތުގައި ދޭން ބޭނުންވާ އަދަދު ޖެހުމަށްފަހު، ޕޭމަންޓް ފުރިހަމަކޮށްލާ

އުރީދޫން ބުނި ގޮތުގައި ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށްވެސް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެމް-ފައިސާ މެދުވެރިކޮށް ލިބޭ އެހީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މެދުވެރިކޮށް ކަމަށެވެ.

މީގެ އިތުރުން ހިދުމަތް ޖަމިއްޔާގެ ފަރާތުންވެސް ވަނީ އައްޒާއަށް އެހީވެދެވޭނެ މަގު ހުޅުވާލާފައެވެ. ފަލަސްތީނުގެ އެމަރޖެންސީ ފަންޑަށް އެހީތެރިވެދެއްވުމަށް

7770000141499 މިއެކައުންޓަށް ފޮނުވާ ފައިސާ އަކީ ފަލަސްތީނަށް ދެވޭ އެހީއެކެވެ.

މިހުރިހާ ކަމެއްގެ މައްޗަށް ފައިސާ ފޮއްޗެއް ދިއްކޮށްލެވޭނެ ވަރުގެ ތަނަވަސްކަމެއް ނެތް މީހާގެ އަތުގައިވެސް ހުސްނުވާ ހަޒާނާއެއް ވެއެވެ. ކޮންމެ ނަމާދަކަށް ފަހުވެސް ފަލަސްތީނުގެ އަހުންނާއި އުޚްތުންނަށް ހިތްވަރާއި ކެތްތެރިކަން ދެއްވުންއެދި ދުއާ ކުރެއްވުން މުހިއްމެވެ. ﷲތައާލާގެ އޯގާވަންތަވެރިކަމަށް އެދި ދުއާ ދަންނަވަމާތޯއެވެ. އެކަލާނގެ ރަހްމާން،ރަހީމްވަންތަ ކަމަށް އެދި ދަންނަވަމާތޯއެވެ. މިވަގުތަށް އެންމެ މުހިންމު އެއްކަމަކީ ދުއާއެވެ.