އެމްއެންޕީން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބޭނެކަމަށް ވިދާޅުވެލެއްވުމާއެކު އިސްރާއީލުން ފަލަސްތީނަށް ގެންދާ އަނިޔާތައް މިހާރުމިހާރަށް ހުއްޓާލުމަށް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ގޮވާލައްވާފިއެވެ.

ރޭ ކުރިއަށް ދިޔަ އެމްއެންޕީގެ ނުވަވަނަ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އަނިޔާތަކަކީ ބައިނަލްއަގްވާމީ މުއާހަދާތަކާވެސް ހިލާފު އަނިޔާތަކެއްކަމަށެވެ. އަދި އެއީ ލާއިންސާނީ އަނިޔާ ތަކެއް ކަމަށެވެ. އެހެންކަމަށްވުމާއެކު، މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލުމަށް ގޮވައިލައްވާކަމަށެވެ.

ނާޒިމް ވިދާޅުވީ 1967 އދ އިން އެކުލަވާލައިފަވާ ބޯޑަރ އާއި އެއްގޮތަށް ފަލަސްތީނަށް މިނިވަން ދައުލަތެއްގެ މަގާމު ލިބެންޖެހޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި އިސްރާއީލުން މިކަމަށް އިހްތިރާމްކުރުމާއެކު، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ނާޒިމް ވަނީ ގޮވާލައްވާފައެވެ.

އެމްއެންޕީ ދެމިތިބޭނީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައިކަން ހާމަކުރައްވައި ނާޒިމް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއި އެކު ތިބިކަން ދައްކައިދިނުމުގެ ގޮތުން، އެމްއެންޕީގެ ހެޑްއޮފީހުގައި ހަރުކޮށްފައިވާ އެލްއީޑީ ބޯޑުގައި، އިޝްތިހާރެއް އަބަދުވެސް ދައްކަމުން ގެންދަވާނެ ކަމަށެވެ.