މިއަހަރުގެ ބައިނަލްއަގުވާމީ ކާބޯތަކެތީގެ ދުވަހުގެ މުނާސަބާގައި ފަރެސްމާތޮޑާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ކައުންސިލް ގުޅިގެން އިންތިޒާމު ކުރާ ކާބޯތަކެތީގެ މައުރަޒެއް ފަރެސްމާތޮޑާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގައި ބައިވެރިވެވޭނެ ފަރާތްތައް:
- މުވައްސަސާތަކުގެ ނަމުގައި
- ގާޑިޔާތަކުގެ ނަމުގައި
- ހޮޓާ ރެސްޓޯރެންޓް ތަކުގެ ނަމުގައި
- ޖަމިއްޔާ ޖަމާއަތްތަކުގެ ނަމުގައި
- އާންމު ރައްޔިތުންގެ ގްރޫޕްތަކުގެ ނަމުގައި (މިފަދަ ގްރޫޕުތަކުގައި ހިމަނަންވާނީ މަދުވެގެންް 3 މީހުން އަދި ގިނަވެގެން 7 މީހުންނެވެ.)
މުބާރާތުގައި 1،2 އަދި 3 ވަނައަށް ހޮވޭ ފަރާތްތަކަށް ހަނދާނީ ލިޔުމެއް ދެވޭނެއެވެ. އަދި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް ލިބޭ ފައިސާގެ %5 (ފަހެއް އިން ސައްތަ)އަށްވާ ފައިސާ ޑަބްލިއުޑީސީ އަށް ދައްކަންވާނެއެވެ. މީގެ އިތުރުން ބައިވެރިވާ ކޮންމެ ޓީމަކަށް ބައިވެރިވީކަމުގެ ހަނދާނީ ލިޔުމެއް ލިބޭނެ އެވެ. ބައިވެރިވާން ބޭނުން ކުރާނެ މޭޒު އިންތިޒާމު ކޮމިޓީން ތައްޔާރުކޮށްދޭނެއެވެ.
މިމައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 18 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މައުރަޒުގައި ބައިވެރިވުމަށް އެެދި ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ. 11 އޮކްޓޯބަރ 2023 ވީ ބުދަ ދުވަހު 12:00 އިން ފެށިގެން މައުރަޒުގައި ބައިވެރިވުމަށް އެދި ހުށަހަޅާން ޖެހޭ ފޯމު ކައުންސިލު އިދާރާއިން ލިބެން ހުންނާނެއެވެ. މައުރަޒާ ގުޅިގެން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 7625569 އަށް ގުޅުއްވުމުން މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.