ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ފަށްޓަވާނެ ކަމަށާއި ވެރިކަމުގެ ހުވާ ކުރައްވާތާ ފުރަތަމަ ހަފްތާގެ ތެރޭގައި އެކަން ހައްލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ، އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ބައިނަލްއަގްވާމީ މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި، އަލްޖަޒީރާ އާ ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބެން ދިވެހި ރައްޔިތުން ބޭނުން ނުވާކަން ފާހަގަކުރައްވައި ޑރ މުއިއްޒު ވިދާޅުވާ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދޭން ދިވެހި ރައްޔިތުން ބޭނުން ނުވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް ރާއްޖޭގައި ބޭރުގެ ސިފައިން ގާއިމުވެ ތިބުމުން ކަމަށެވެ.

ޑރ މުއިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުންކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ޑިޕްލޮމެޓިކްކޮށް މަޝްވަރާކޮށްގެން އެ މައްސަލަ އަށް އަވަސް ހައްލެއް އައުމަށް އުންމީދު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އާ އެކުގައި އެންމެ ފަހުން ބޭއްވެވި ބައްދަލުވުމުގައި އެންމެ އިސްކަން ދޭ ކަންތައްތަކުގެ ތެރޭގައި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވިކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެކަމުގައި އެކުގައި މަސައްކަތްކޮށްގެން ހައްލެއް ހޯދުމަށް ބޭނުންވާ ކަން އިންޑިއާ އިން ވެސް ހާމަކޮށްފައިވާ ކަމަށާއި އިންޑިއާ އިން އޮތީ މިކަމުގައި ކުރިއަށްދާން ތައްޔާރަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ދިވެހިން އެދޭ ގޮތެއް ނޫން ކަަމަށެވެ. ރާއްޖެ އަކީ ކުޑަ ގައުމަކަށްވެފައި، ސިފައިންގެ ބޮޑު އަސްކަރިއްޔާއެއް ނެތި، ބޭރުގެ ގައުމުތަކުގެ ސިފައިން ރާއްޖޭގައި ތިބުމަކީ ރައްޔިތުންނަށް ނުރައްކާތެރިކަން އިހުސާސް ކުރެވޭ ކަމެއް ކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.