އިންޑިއާ އިން ދޭ ކޮވިޑް ވެކްސިން މާދަމާ ރާއްޖެ ގެންނަން ނިންމައިފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ރާއްޖެ ގެންނަނީ އެ ގައުމުގައި ދެމުން އަންނަ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިންގެ ޝިޕްމަންޓެކެވެ.

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ އެ ވެކްސިން ރާއްޖެ ފޮވުނުވުމަށްޓަކައި ދިވެހި ސަރުކާރުން ލިބެންޖެހޭ ހުއްދަތަށް ލިބިފައިވާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެ އެވެ.

ރާއްޖެ ވެގެންދާނީ އިންޑިއާގެ ވެކްސިން ލިބޭ ފުރަތަމަ ގައުމަށެވެ. މިކަމުގެ ސިއްރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާއާ އެކު ބާއްވާ ޚާއްސަ ގުޅުންކަން ފާހަގަކޮށްލެވެ އެވެ.

ވެކްސިން ޝިޕްމަންޓް ހިފައިގެން އަންނަ އެއާ އިންޑިއާގެ ފްލައިޓު މާދަމާ މެންދުރު 02:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.

އިންޑިއާގެ ވެކްސިން ވަރަށް އަވަހަށް ރާއްޖެއަށް ލިބޭނެ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ސަފީރު ސަންޖޭ ސުދިރް ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.

ރާއްޖޭގައި ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް އެޗްޕީއޭ އިން ވަނީ ހުޅުވާލާފަ އެވެ. ފުރަތަމަ އެ ފުރުސަތު ހުޅުވާލީ ސިއްހީ ޚިދުމަތެރީންނަށެވެ. އެއަށްފަހު ދެން ވެކްސިން ދޭނީ ހައިރިސްކު ކެޓަގަރީގެ ބޭފުޅުންނާއި އުމުރުން ދުވަސްވީ ބޭފުޅުންނަށެވެ.