އެންމެ މަދުވެގެން 10 އަހަރުވެފައިވާ ކޮލެޖުތަކާއި މަތީ ތައުލީމުގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ޔުނިވާސިޓީގެ ދަރަޖަ ލިބިދޭ ބިލެއް ރައްޔިތުން މަޖިލީހަށް ހުށައަޅައިފިއެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ޔުނިވާސިޓީއަކަށް ބަދަލު ކުރެވެނީ ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ 20 އަހަރުވެފައިވާ ނަމަ އެވެ. މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު ހުށަހެޅުއްވި ބިލުގައި އޮތީ އެ މުއްދަތު 10 އަހަރަށް ބަދަލުކޮށްފަ އެވެ.

ބޭރު ގައުމެއްގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްްޓްރީވެ ހިނގަމުންއަނަތާ 10 އަހަރުވެފައިވާ މަރުކަޒަކަށް ވުމަކީވެސް ގާނޫނުގައި ބަޔާން ކޮށްފައިވާ ޝަރުތެކެވެ. މަޖިލީހަށް މިފަހަރު ހުށަހެޅި ބިލުގައި އެ ޝަރުތުގެ މުއްދަތު ކުޑަކޮށް، މަދުވެގެން ފަސް އަހަރު ވެފައިވާ އެފަދަ މަރުކަޒެއް ރާއްޖޭގައި ގާއިމުކޮށްފައިވާނަމަ ޔުނިވަރސިޓީގެ ދަރަޖަ ދެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

މަދުވެގެން 15 އަހަރުވެފައިވާ ކޮލެޖުތަކަށް ޔުނިވާރސިޓީގެ ދަރަޖަ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާޙިމް ނަސީމް ވެސް ބިލެއް ހުށަހެޅުއްވިއެވެ. ނަމަވެސް އެ ބިލު ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައެވެ.