އިޒްރޭލާ ދެކޮޅަށް ކާމިޔާބު ފިޔަވަޅުތަކެއް އެޅުމަށް ޢަރަބި އަދި މުސްލިމް ޤައުމުތަކުން މުޅި ދުނިޔެއަށް ގޮވައިލައިފިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި މިހާރު ހިންގަމުން ދާ މި ބައްދަލުވުމުގައި ބައިވެރިވަމުން ގެންދަނީ ޢަރަބި ޤައުތަކާއި، މުސްލިމް ޤައުމުތަކުންނެވެ. މި ފަދަ ފިޔަވަޅުތަކެއް އެޅުމަށް ނިންމީ މިހާރު އިޒްރޭލުން ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކުގެ ބަދަލުގައެވެ. ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރުޙާން ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމަކީ ދައުރުން ބޭރުން ބޭއްވުނު ކުއްލި ބައްދަލުވުމެކެވެ.

ރިޔާޟުގައި ހިންގަމުން ދާ މި ބައްދަލުވުމުގައި މިނިސްޓީރިއަލް ކޮމެޓީ އެއް އެކުލަވާލައި އެކޮމެޓީ އިން ނިންމުންތަކެއް ނިންމާނެ ކަމުގައި އަލްޢަބިއްޔާ ނިއުސް އިން ރިޕޯޓުކޮށްފައިވެއެވެ. ފަލަޞްޠީނުގެ މައްސަލައަށް ރިޢާޔަތް ކޮށް މި ނިންމުން ނިންމި ކޮމެޓީގައި ހެމެނެނީ އުރުދުން އާއި، މިޞްރާއި، ތުރުކީ އާއި، ޤަޠަރުގެ އިތުރުން ފަލަޞްޠީނުގެ ވަގުތީ ސަރުކާރާއި، އޮގްނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިންނެވެ. މި ކާމިޔާބު ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ތެރޭގައި އިޒްރޭލަށް ހަތިޔާރު ފޯރުކޮށް ނު ދިނުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް އިޒްރޭލުގެ މައްޗަށް ތަންފީޒުކުރޭވޭ ގޮތެއް ހެދުން ވެސް ހިމެނެއެވެ.

މީގެ އިތުރުން އިޒްރޭލުގެ އިސް އޮފިޝަލުންނާއި، މިލްޓްރީ އޮފިޝަލުންގެ ތެރެއިން ހަނގުރާމައިގެ ޖަރީމާ ހިންގާ އޮފިޝަލުންނާއި، ވަޒަންވެރި ކުރުވާފައިވާ ޔަހޫދީންނަށް ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމުގައި ނިންމުނު ކަމަށް ޕްރިންސް ފައިޞަލް ބިން ފަރުޙާނާ ޙަވާލާދީ ޢަރަބިއްޔާ ގައި ލިޔެފައި ވެއެވެ.

މިގޮތަށް މި ޤައުމުތަކުން މަޝްވަރާކޮށް ނިންމައިފައި ވި ނަމަވެސް މިއީ ތަންފީޛު ކުރެވޭނެ ކަމެއް ކަމުގައި މުޙައްލިލުން ނުދެކެއެވެ. އެއީ މި ފަދަ އެތައް ނިންމުމެއް ނިންމާފައި ވި ނަމަވެސް އެ ތަންފީޛު ކުރެވިފައި ނުވާތީއެވެ. އޭގެ އިތުރުން އދ. ގެ ޢާއްމު ޖަމްޢިއްޔާ އިން އިޒްރޭލާ އިދިކޮޅަށް އެތަކެއް ޤަރާރު ފަސްކޮށްފައި ވި ނަމަވެސް އެ ޤަރާރުތައް ވެސް ތަންފީޛު ކުރެވިފައި ނުވެއެވެ. އެއީ އެމެރިކާ އާއި، ޔޫރަޕުގެ ބައެއް ޤައުމުތަކުން އެ ފަދަ ޤަރާރުތައް ތަންފީޛު ކުރަން ބޭނުންނުވާތީއެވެ. މިހެން މިކަން ހުރި ނަމަވެސް ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުން އިޒްރާއީލުގެ ސަރުކާރުގެ އިސް އޮފިޝަލުން ހިފާ ހައްޔަރު ކުރުމުގެ އަމުރެއް މި ހަފްތާގައި ނެރެފާނެ ކަމަށް ދުނިޔޭގެ ބައެއް ޤައުމުތަކުންނާއި، އިޒްރޭލާއި، އެހެނިހެން ޤައުމުތަކުގެ މީޑިއާތަކުން ވެސް އަންނަނީ ލަފާކުރަމުންނެވެ.