ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތް ކަމީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށާއި، އެ މަނިކުފާނުގެ ސަރުކާރުގައި އެންމެ އިސްކަމެއް ދެއްވާނީ އިސްލާމް ދީނާއި ދިވެހިންގެ ގައުމިއްޔަތަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ މުއިއްޒު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން މިއަދު ނެރުއްވި ބަޔާނެއްގައެވެ.

ދިވެހިން އިސްލާމް ދީން މަތީ ފައިތިލަ ސާބިތުކުރިތާ ހިޖުރީ ގޮތުން ނުވަ ގަރުނު ފުރިހަމަ ވާން ބާކީ އޮތީ ތިން އަހަރުކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ ރާއްޖެއަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީހީ ހާދިސާއަކީ ރާއްޖެ އިސްލާމްވުން ކަމަށެވެ.

ދިވެހިންގެ މިނިވަންކަމާއި ރިވެތި އާދަކާދަތަކާއި މުއްސަނދި ސަގާފަތާއި އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީ ވެސް އިސްލާމް ދީން ކަމަށް މުއިއްޒު ވަނީ ވިދާޅުވެ.

ވޭތުވެ މިދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދިވެހީން ދެމިތިބި ކަމީ މުޅި ދުނިޔެއަށް ނަމޫނާ އެއްކަމަށް، މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމް-ޕީއެންސީގެ ސަރުކާރު ވެގެންދާނީ، މުއިއްޒު ވިދާޅުވި ގޮތުގައި، އިސްލާމް ދީނާއި ދިވެހިންގެ ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށެވެ.

"ހަމައެހެންމެ ޕީޕީއެމް/ޕީއެންދީ ވާނީ ގައުމުގެ އިސްތިގްލާލާއި ފަހުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށް ކަމަށާއި. ދިވެހީންގެ ރީތި އުޅުމާއި ގުޅުމާއި ގޮތްފޮތް ދަމަހައްޓައި ދިވެހިންގެ ނަމާއި އަބުރު ބައިނަލްއަގްވާމީ މަސްރަހުގައި އުފުލައިދޭނެ ސަރުކާރަކަށް ވާނޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އަދުގެ ދުނިޔޭގައި ފިކުރީ ގޮތުންނާއި އިގްތިސޯދީ ގޮތުން ވެސް ތަފާތު އެކި ގޮންޖެހުންތައް ދިވެހިންގެ ކުރިމަތީގައި އެބަހުރި ދިވެހި ރައްޔިތުން އެދެނީ އެއިން ކޮންމެ ގޮންޖެހުމަކާ ވެސް ދިވެހި ގައުމު އިސްކޮށްގެން، ދިވެހިންގެ މަސްލަހަތު ކުރިއަށް ނެރެގެން ކުރިމަތިލުމަށް އެ މަގުން ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުމަށް އެދި ޑރ މުއިއްޒު ވަނީ ދުއާކުރައްވާފައެވެ.