މީރާގެ "ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރ" އިތުރު ބަދަލުތަކަކާއެކު އަލުން ޝާޢިއުކޮށްފި ކަމަށް މީރާއިން ވިދާޅުވެއްޖެއެވެ.

މީރާގެ "ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރ" އަކީ އެތަނުން ފޯރުވައިދޭ ޚިދުމަތްތަކުގެ ފެންވަރާއި، ޓެކްސް ދައްކާ ފަރާތްތަކާއި އަދި އެހެނިހެން ފަރާތްތަކުން މީރާގެ ކިބައިން އުންމީދުކުރެވިދާނެ ކަންތައްތައް ހިމަނައިގެން މީރާއިން ތައާރަފުކޮށްފައިވާ ޗާޓަރއެކެވެ.

މި ޗާޓަރގައި ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައްވެސް ބަޔާންކުރެވިފައިވެއެވެ. މި ޗާޓަރގެ ބޭނުމަކީ މީރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ އިތުރުން، ޚިދުމަތް ހޯދާ ފަރާތްތަކުންވެސް މީރާއަށް އެހީތެރިވެދިނުން ކަމަށް މީރާއިން މައުލޫމާތު ދެއްވާފައި ވެއެވެ.

"ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރ" އަށް ގެނެވިފައިވާ ބަދަލުތަކަށް ބަލާއިރު، މީރާގެ ޚިދުމަތުގެ ފެންވަރުގެ މިންގަޑުތަކަށް ވަނީ ބަދަލުގެނެސްފައެވެ. މީގެ އިތުރުން، ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމުގައި މީރާގެ އޮންލައިން ޚިދުމަތްތައް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، މި ވަސީލަތްތައް ބޭނުންކުރުމަށް އިސްކަންދިނުމަށް ބާރުއަޅައިފައިވާކަން ފާހަގަކުރެވެއެވެ.

މި ޗާޓަރުގައި ކަނޑައަޅައިފައިވާ ޚިދުމަތުގެ ފެންވަރުތަކާ އެއްހަމައަށް މީރާގެ ޚިދުމަތްތައް ދިނުމަށް އެތަނުން ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް އެ އޮތޯރިޓީން ހާމަކުރައްވާފައިވެއެވެ. އަދި މީރާގެ އަމާޒަކީ ޓެކްސް ދައްކާ ފަރާތްތަކަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުވައިދޭ ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި އަބަދުވެސް އޮތުންކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއްވާފައި ވެއެވެ.