ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބު ކޮށްދިން ހިތްގައިމު ދެލަނޑުން ރަށުން ބޭރުގައި ޕެރޫ 2-0 އިން ބަލިކޮށް ޕޮއިންޓް ތާވަލުގެ ކުރީގައި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން ހަމަޖެހިލައިފިއެވެ.

ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާފަދަ ރީތި ކުޅުމެއް ފެނުނު މިމެޗުގައި އާޖެންޓީނާއަށް މެސީ ލީޑް ނަގައިދިނީ 32 ވަނަ މިނެޓުގައެވެ. މެސީ މިލަނޑު ޖެހީ ޕެެރޫގެ އޭރިޔާގެ ބޭރުން ދެފޫޓެއްވަރު ދުރުން ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. މެސީގެ ދެވަނަ ލަނޑު ފެނިގެންދިޔައީ 42 ވަނަ މިނެޓުގައެވެ.

މެޗުގެ އުސްއަލިތައް:

https://pendular-cdn.nunchee.tv/peru-argentina-1697021328_en.html

މިމެޗުގައި އާޖެންޓީނާ ގޯލަށް އަމާޒުކޮށް އެންމެ ބޯޅައެއްވެސް ޕެރޫއަށް ފޮނުވާލެވިފައެއް ނުވެއެވެ. އެކަމަކު ފުރަތަމަ ހާފުގައި ޕެރޫއިން އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލަށް ނުވަދެ ދިޔައީ ހަމަކިރިޔާއެވެ.

މިމޮޅާއެކު ޕޮއިންޓް ތާވަލުގެ ކުރީގައި އާޖެންޓީނާ އޮތީ ކޮލިފައިންގައި މިހާތަނަށް ކުޅުނު 4 މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 7 ޕޮއިންޓާއެކު އޮތީ ރޭ ފަތިހު ބެރެޒިލްގެ މައްޗަށް 2-0 އިން ކުރި ހޯދި އުރުގުއޭއެވެ. މިއީ ކޮލިފައިންގައި ބްރެޒިލް މިފަހަރު ބަލިވި ފުރަތަމަ މެޗެވެ. ބްރެޒިލް ތިންވަނައިގައި އަދި ވެނަޒުއެލާ ހަތަރުވަނައިގައި އޮތީވެސް 7 ޕޮއިންޓާއެކުއެވެ.