ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް 30 މިނެޓު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.

އާންމު ކޮމިޓީން މިއަދު ބޭއްވި މި ބައްދަލުވުމުގައި، ފުނަދޫ ދާއިރާގެ ވަނީ މަޖިލީހުގެ ރައީސަށް ޖަވާބުދާރީވާން 30 މިނެޓު ދިނުމަށާއި ކޮންމެ މެންބަރަކަށް ބަހުސް ކުރައްވަން ތިން މިނެޓް ދިނުމަށް ހުށަހެޅުއްވީ އެމްޑީޕީގެ މެންބަރު މުހައްމަދު ޝާހިދެވެ.

ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް އެދިވަޑައިގެންނެވީ ނަޝީދަށް ޖަވާބުދާރީވެވަޑައިގަތުމަށް ދެ ގަޑިއިރު ދިނުމަށެވެ. އާޒިމް ވިދާޅުވީ އިތުބާރުނެތްކަމުގެ މައްސަލައިގެ ބަހުސް ތިން ގަޑިއިރަށްވުރެ ދިގުވެގެން ނުވާނެކަމަށެވެ.

އާޒިމް ވިދާޅުވި ވާހަކައަށް ތާއީދު ކުރައްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ބަހުސް ކުރުމުގެ އިތުރަށް ޖަވާބުދާރީވުމަށް ވަގުތު ދެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ގަވާއިދުގައި ވަކި ގޮތަކަށް ކަމެއް ކުރަން ބުނެފައި ނެތުމަކީ އެކަމާ މެދު ކޮމިޓީން ގޮތް ނިންމޭނެ ކަމެއް ކަމަށްވެސް އިލްޔާސް ލަބީބު ވަނީ ވިދާޅުވެފައެވެ.

އާންމު ކޮމިޓީގައި ކުރި މަޝްވަރާތަކަށްފަހު، ފާސްވީ ޝާހިދު ހުށަހެޅުއްވި ގޮތަށް ޖަވާބުދާރީވެވަޑައިގަތުމުގެ ވަގުތު ކަނޑައެޅުމަށެވެ. އެގޮތަށް ފާސްވީ ވޯޓަށް އެހުމުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަ މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންގެ ތާއީދާއެކު ގައެވެ.

މައްސަލައިގެ ޖުމްލަ ބަހުސަށް ދެ ގަޑިއިރު ދިނުމަށް ނިންމާފައިވާއިރު ޖަވާބުދާރީ ވުމަށް ބަހުސްގެ ފެށުމުން، މެދުތެރެއިން އަދި ނިމުމުން ރައީސް ނަޝީދަށް 10 މިނެޓްގެ ތިން ފުރުސަތު ދިނުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. އަދި ބަހުސްގައި ކޮންމެ މެންބަރަކަށް ވާހަކަދައްކަވަން 3 މިނިޓެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމާ 49 މެމްބަރުންގެ ސޮޔާއި އެކު އެމައްސަލަ މަޖިލީހަށް ވެއްދީ މިމަހުގެ 9 ވަނަ ދުވަހުއެވެ.