އިންތިހާބީ ރައީސް ޑރ.މުޙައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބައިނަލްއަގުވާމީ މީޑިއާތަކަށް ރައްޔިތުންގެ މަޖިލީހުން ދައުވަތު ދީފިއެވެ.

އެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކަވަރ ކުރަން ޝައުގުވެރިވާ ބޭރުގެ މީޑިއާތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ. މި ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މީގެ އިތުރުން އެ އިއުލާނުގައިިވަނީ ބޭރުގެ މީޑިއާތަކުގެ ފަރާތްތަކުގެ ވިސާގެ ކަންކަން ހަމަޖެއްސުމުގައި މަޖިލީހުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ބައިވެރިވުމަށްޓަކައި ޓިކެޓާއި ހުރުން ފަދަ ހަރަދުތައް މަޖިލީހުން ހަމަޖައްސައިނުދޭނެ ކަމަށާއި އެކަން ކުރަންޖެހޭނީ އެމީހަކު ނިސްބަތްވާ މީޑިއާ އައުޓްލެޓަކުން ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އިންތިހާބީ ރައީސް ހުވާކުރައްވާނީ ނޮވެމްބަރު 17 ގައެވެ. މި ރަސްމިއްޔާތު ބާއްވާނީ ޖުމްހޫރީ މައިދާނުގައެވެ.