މަޖިލީހުގެ މެޖޯރިޓީ އޮވެގެން މެނުވީ ގާނޫނު އަސާސީއަށް އިސްލާހު ނުގެނެވޭނެކަމަށް ޕީއެންސީގެ ޗެއަރޕާސަން އަދި ޓްރާންސިޝަނަލް ކޮމިޓީގެ ޗެއަރޕާސަން ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ، ރޭ ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޢަބްދުއްރަހީމް ވިދާޅުވީ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ފަށްޓަވާފައިވާ އިސްލާހީ ޕްރޮގްރާމް ތަންފީޒްކުރެއްވުމަށް އަންނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ، ޕީޕީއެމް/ޕީއެންސީއަށް ބޭނުންވާކަމަށެވެ. ސަބަބެއް ކަމަށް އަދުރޭ ވިދާޅުވެފައި ވަނީ ރާއްޖޭގައި ހިންގަނީ ރިޔާސީ ނިޒާމެއްކަމަށް ވުމުން، އެނިޒާމުގައި ވެރިކަން ހިންގަން ސަރުކާރުގެ މެޖޯރިޓީ މުހިންމުވާނެތީ ކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ މުހިންމުވާ ސަބަބުތަކެއް ކަމަށް ޢަބްދުއްރަހީމް ވިދާޅުވީ، ގާނޫނު އަސާސީން އެކުލަވާލައިދިން ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހެދުމާއި ގާނުއަސީ އިސްލާހުކުރުމުގެ ބާރުވެސް އޮތް މަޖިލިސްކަމަށެވެ. މިގޮތުން ރައީސް ޑރ މުއިއްޒުގެ ވެރިކަމުގައި ރައްޔިތުންނަށް ހިދުމަތްކުރުމަށް ވަރަށް ގިނަ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާހުތައް އެބަހުރިކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ އިސްލާހުތައް ގެނެސްގެން މެނުވީ އައު ސަރުކާރުގެ އިސްލާހީ ބަދަލުތައް ނުގެނެވޭނެކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ އޮވެގެން މެނުވީ ގާނޫނު އަސާސީއަށް އިސްލާހު ނުގެނެވޭނެކަން އަދުރޭ ވަނީ ފާހަގަ ކުރައްވާފައެވެ.

މިސަރުކާރަށްވެސް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތްކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވަނީ، އޭގެ ބޭނުން މިސަރުކާރުން ނަހަމަގޮތުގައި ބޭނުންކުރާކަމަށް ވިދާޅުވެފައެވެ. މިގޮތުން މިސަރުކާރުގެ އެއް ވައުދަކީ ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކޮށް، ސިޔާސީ މީހުންގެ ނުފޫޒުން އެތަން މިނިވަންކުރުންކަމަށާއި، ނަމަވެސް ދައުރު މިނިގެންދާއިރުވެސް އެކަން ނުކުރެވުނުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މުޅި މަޖިލީހުގެ ތިންބައިކުޅަ ދެބައި ހޯދުމަކީ އަމާޒުކަމަށާއި، އެކަން ހާސިލްވާނެކަމަށްވެސް އިންތިހާބީ ރައީސް ވަނީ ކުރިންވެސް ވިދާޅުވެފައެވެ. މަޖިލިސް އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުއެވެ.