އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ދައުލަތުގެ ބަޖެޓުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ކޮންމެ ހިޔާ ޓަވަރެއްގައި ދެ ލިފްޓް ހަރު ކުރުމަށް ހިމަނާފައިވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށްފަހު ފުރަތަމަ ފަހަރަށް ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ

މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު، މުއިއްޒު ފުރަތަމަ ފަހަރަށް ވަނީ ދެވަނަ ފިޔަވައްސަށް ވަޑައިގެންފައެވެ. އެމަނިކުފާނު ހިޔާ ފްލެޓުތައް ސަރަހައްދަށް ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުތެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ހިޔާ ފްލެޓު ސަރަހައްދުން މުއިއްޒަށް ވަނީ ވަރަށް ބޮޑު މެޖޯރިޓީއެއް ހޯއްދަވައިފައެވެ.

މުއިއްޒު ފޭސް ދޭކަށް ވަޑައިގެންނެވި ވަގުތަކީ ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ. އެހެންވެ، ހިޔާ ސަރަހައްދުގައި ތިބި މީހުންނާ ބައްދަލު ކުރައްވައި ވަރަށް ކުރުކޮށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުން ދެއްވި ތާއީދަށް ފަށް ފަށުން ޝުކުރު ދަންނަވާ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ވެސް ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުން ދިނީ ވަރަށް ވަރުގަދަ ތާއީދެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިތުރަށް ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ މިސަރުކާރުން ބަޖެޓު ހުށަހަޅާއިރު ލިބިވަޑައިގެންނެވި ފުރުސަތަށް ބަޖެޓުގައި ކަންތައްތަކެއް ހިމަނާފައިވާނޭ ކަމަށާއި އޭގެ ތެރެއިން އެއްކަމަކީ ޓަވަރުތަކުގައި އިތުރު ލިފްޓުތަކެއް ހަރުކުރުން ކަމަށެވެ.

"އަޅުގަނޑުމެން ބަޖެޓު ހެދުމުގެ މަރުހަލާގައި މިހާރު ވާނީ މި ސަރުކާރުން ބަޖެޓު ހުށަހަޅާއިރު އަޅުގަނޑުމެންނަށް މިހާރު ފުރުސަތު ދީފައޮތް ގޮތަށް ބަޖެޓު ހުށަހެޅިއިރުގަ، އެއް ކަމަކަށް ހިމަނާފައި އަޅުގަނޑު ދެންނެވިން މި ޓަވާތަކުގެ އިތުރު ލިފްޓު ހަރުކޮށްދޭނަމޭ. ކޮންމެ ޓަވަރަކަށް ދެ ލިފްޓު އަންނާނެ، އެއް ލިފްޓަކީ ސްޓެރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެއް. އަނެއް ލިފްޓަކީ ގާތްގަޑަކަށް 14 މީހުންގެ ކެޕޭސިޓީ ލިފްޓެއް،" މުއިއްޒު ވިދާޅުވިއެވެ.

ހިޔާ ސަރަހައްދަށް ބޯކޮށް ވާރޭ ވެހެމުންދާތީ މުއިއްޒު ވަނީ ވާހަކަފުޅު ކުރުކުރައްވައި، ސަޕޯޓަރުންނާ ސަލާމް ކުރައްވައި އެކުގައި ފޮޓޯ ނަންނަގަވައިފައެވެ. އެއިރު ވެސް ދިޔައީ ބޯކޮށް ވާރޭ ވެހެމުންނެވެ.

މުއިއްޒުގެ އިތުރުން އިންތިހާބީ ރައީސް ހުސެއިން މުހައްމަދު ލަތީފު (ސެންބެ) ވެސް ވަނީ ސަޕޯޓަރުންނާ ސަލާމް ކުރައްވައި ފޮޓޯ ނެންގެވިއެވެ،