ހދ އަތޮޅުގެ ދެ ރަށެއްގައި އެއްގޮތަކަށް ހިނގި ދެ ހާދިސާ ހިނގުމަށް މެދުވެރިވި ގޮތް ތަހުގީގުކޮށް މިފަދަ ހިތާމަވެރި ކަންކަން ތަކުރާރު ނުވާނެހެން ފިޔަވަޅު އަޅުއްވައި ދެއްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާ ގުޅޭ މުއައްސަސާތަކަށް ގޮވާލައްވައިފިއެވެ.
ޑރ މުއިއްޒު ކަމާ ބެހޭ ފަރާތްތަކަށް މިމޭރުމުން ގޮވާލެއްވީ އިއްޔެ ހިނގައިދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.
މީގެ ދެދުވަސް ކުރިން ހދ ކުޅުދުށްފުށީގައި ހިނގި ގޭސް ސިލިންޑަރެއް ގޮވި ހާދިސާއަށް ފަހު އިއްޔެ އަނެއްކާވެސް ހަމަ އެއަތޮޅުގެ އެހެން ރަށެއްގައި ގޭސް ސިލިންޑަރެއް މެދުވެރިވެ އެފަދަ ދެވަނަ ހާދިސާއެއް ތަކުރާރުވުމުން އެކަމާ ގުޅިގެން ނެރުއްވި ބަޔާނުގައި ޑރ މުއިއްޒު ވިދާޅުވީ އެ ހާދިސާގައި ދެ މީހަކު ނިޔާވި ހަބަރު އެއްސެވީ ފުން ހިތާމައާ ކަންބޮޑުވުމާއެކު ކަމަށެވެ.
އިއްޔެ ހަވީރު މަކުނުދޫ މަސް މާރުކޭޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެއް ގޮވައި މަކުނުދޫ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ މުވައްޒަފުން ވަނީ ނިޔާވެފައެވެ.
މީގެއިތުރުން މި މަހުގެ 19 ވަނަ ދުވަހު ކުޅުދުށްފުށި ސިޓީގެ އެއާޕޯޓުގައި ގޭސް ސިލިންޑަރެއް ގޮވުމުގެ ސަބަބުން ކުޅުދުށްފުށި އެއާޕޯޓުގެ ހަތަރު މުވައްޒަފަކު ޒަހަމްވިއެވެ. އަދި އޭގެ ތެރެއިން އެކަކުގެ ހާލު ނުހަނު ސީރިއަސްވެގެން މާލެ ގެނެސް ފަރުވާ ދިނުމަަށްފަހު އިތުރު ފަރުވާ ދޭން ޖެހޭ ހާލަތެއްގައި ވުމުން އެމީހާ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް ވަނީ ނިންމާފައެެވެ.
މި ދެ ހާދިސާވެސް ހިނގާފައި ވަނީ ހދ އަތޮޅުގެ ދެރަށެއްގައެވެ. ދެ ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ގޭސް ސިލިންޑަރެއް ގޮވުމެވެ. ޑރ މުއިއްޒު މި ދެ ހާދިސާ ހިނގި ގޮތާމެދު ވަނީ ކަންބޮޑުވެވަޑައިގެންފައެވެ.
މި ދެ ހާދިސާ ވެސް ހިނގާފައިވަނީ މަސައްކަތުގެ މާހައުލުގައިކަމުން މިފަދައިން މެދުވެރިވާ ހާދިސާތައް މަދުކޮށް މަސައްކަތްތެރީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސްކުރުމަށް ވެސް ޑރ މުއިއްޒު ވަނީ ގޮވާލައްވައިފައެވެ.
އަދި ހަމައެއާއެކު ނިޒާމީ ގޮތެއްގައި މިފަދަ މައްސަލަތަކަށް ހޯދަންޖެހޭ ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ޑރ މުއިއްޒު ވަނީ ގޮވާލައްވައިފައެވެ.