ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މިއަދު ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އޭގެތެރެއިިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކުގައި އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން މެޓުން ބުނެފައިވަނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ލަފާކޮށްފައިވާއިރު ރާޅުގެ އުސްމިން ހުންނާނީ އެއް ފޫޓާއި ހަތަރު ފޫޓާ ދެމެދު ކަމަށް މެޓް އޮފީހުން ބުންޏެވެ.