ކުންފުނީގެ މުހިންމު ލިޔެކިޔުމެއް ނައްތާލާފައި ނުވާނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބުނެފި އެވެ.

އެކަން ހާމަކޮށްފައި ވަނީ އެފްއެސްއެމުން ނެރުނު ބަޔާނެއްގައެވެ.

އެ ކުންފުނިން އެހެން ބުނީ، ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ތިލަފުށީގައި އިއްޔެ ނައްތާލަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމާ ގުޅިގެންނެވެ.

އެ ވީޑިއޯއިން ފެންނަނީ ސިނާއީ ރަށް، ތިލަފުށީގެ އެފްއެސްއެމްގެ ޖެޓީ ކައިރީގައި ކޮންކްރީޓް ގަށާ މެޝިނަކަށް އެފްއެސްއެމްގެ ގިނަ އަދަދެއްގެ ލިޔެކިޔުންތައް އަޅައި ގަށާލައި އެ ލިޔުންތައް ނައްތައިލާ މަންޒަރެވެ.

އެފްއެސްއެމުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި ކުންފުނީގެ މުހިންމު އެއްވެސް ލިޔެކިޔުމެއް ނައްތާލާފައި ނުވާނެއެވެ. ނަމަވެސް ގިނަ ދުވަސްވެފައި ހުންނަ، ކުންފުންޏަށް އިތުރަށް ބޭނުން ނުވާ ބައެއް ލިޔުންތައް ކުންފުނިން ނައްތާލަމުންދާ ކަމަށްވެސް އެކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެފްއެސްއެމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިހާރު އާންމުވެފައިވާ ވީޑިއޯއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ މަރުހަބާ ކިޔާނެ ކަމަށްވެސް އެފްއެސްއެމުން ބުނެފައިވެއެވެ.