އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމަށް ބާއްވަވާ ޖަލްސާ އޮންނާނީ ނޮވެމްބަރު 17 ވަނަ ދުވަހުގެ ހަވީރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވައިފިއެވެ.

އިންތިހާބީ ރައީސާއި އިންތިހާބީ ނާއިބު ރައީސް ހުވާކުރުމަށް ބާއްވަވާ ޖަލްސާގެ އިންތިޒާމުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހާއި، އެމްއެންޑީއެފްއާއި އިންތިހާބީ ރައީސްގެ ފަރާތްޕުޅުން އުފައްދަވާފައިވާ، އިންތިގާލީ ކޮމެޓީގެ މެންބަރުން ބޭއްވެވި ބައްދަލުވުމުގައި ވަނީ، ހުވާ ކުރުމުގެ ޖަލްސާގެ އިންތިޒާމްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން އެ ބައްދަލުވުމުގައި ނިންމެވީ، ހުވާ ކުރެއްވުމުގެ ޖަލްސާ އޮންނާނީ ނޮވެމްބަރު 17 ވާ ހުކުރު ދުވަހުގެ ހަވީރު 16:45 ގައިކަމުގައެވެ.

މީގެ އިތުރުން މި ޖަލްސާ ބޭއްވެވުމަށް ނިންމަވާފައިވަނީ ޖުމްހޫރީ މައިދާނުގައެވެ. ޖުމްހޫރީ މައިދާނުގައި އެޖަލްސާ ބޭއްވެވުމަށް ނިންމެވީ ވީހާވެސް ގިނަ ބަޔަކު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ދެއްވުމުގެ ގޮތުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށެވެ.

ގާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަަގާމަށް އިންތިހާބުވާ މީހަކު، އެ މަގާމާ ހަވާލުވާލުވުމުގެ ކުރީން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅުއްވާ ފަނޑިޔާރެއްގެ ކުރިމަތީގައި ހުވާކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައިކަމަށެވެ.

ރާއްޖޭގައި ރައީސުން ހުވާކުރެއްވުމުގެ ޖަލްސާ ބާއްވަމުން އައިސްފައިވަނީ ނޮވެންބަރު މަހުގެ 11ވަނަ ދުވަހުއެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ.